30 Aug 2016, 01:35
ރާއްޖެއަށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ޓީމާއި މިހާރުގެ ގައުމީ ޓީމް ކުޅުނު މެޗު 1-0ގެ ނަތީޖާ އަކުން މިހާރުގެ ގައުމީ ޓީމް މޮޅުވެއްޖެއެވެ.
ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިތާ އަށް އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ހާއްސަ މެޗުގެ ފުރަތަމަ އެގާރައިގައި ކުޅުނީ ވެސް ކުރީގެ ފުރަތަމަ އެގާރައެވެ. އޭގެ ތެރޭގައި މިހާރުގެ ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި ވައިސް ކެޕްޓަން ގޯލްކީޕަރު އިމްރާން މުހައްމަދު ވެސް ކުޅުނީ ކުރީގެ ޓީމަށެވެ.
2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ހޯދަ ދިން ޓީމްގެ ފުރަތަމަ 11 ކުޅުންތެރިން މިރޭ ގައުމީ ދަނޑުގައި --- ސަން ފޮޓޯ: ފަޔާޒް މޫސާ
މެޗު ފެށިގެން މިހާރުގެ ގައުމީ ޓީމުން ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅުނު އިރު މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލު އަށް ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ އިމްރާން ނަޝީދުއެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ އިސްމާއިލް އީސާ ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ.
އެ ގޯލަށް ފަހު ވެސް މިހާރުގެ ގައުމީ ޓީމްގެ އަސަދުﷲ އަބްދުﷲ އާއި ނާއިޒް ހަސަން (ދާދު) އަށް ވަނީ ލީޑު އިތުރަށް ފުޅާ ކުރުމަށް ރަނގަޅު ފުރުސަތު ތަކެއް ލިބި ބޭކާރު ވެގެން ގޮސްފައެވެ.
މިރޭގެ މެޗުގައި ކުރީގެ ގައުމީ ކެޕްޓަން އަސައަދު ބޯޅަ ހިފައިގެންދާ އިރު ކައިރީގައި އިސްމާއިލް އީސަ --- ސަން ފޮޓޯ: ފާޔާޒް މޫސާ
އެ މެޗުގެ ދެވަނަ ހާފްގައި ވަނީ ކުރީގެ ޓީމުން އާޖެންޓީނާގެ ކުރީގެ ކެޕްޓަން ރޮބާޓޯ އަޔާލާ ކުޅެން އަރުވާފައެވެ. އޭނާ އެރުމާ އެކު ކުރީގެ ޓީމުގެ ފަހަތް ވަރުގަދަވެ ގޯލު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ވެސް ވަނީ ތަނަވަސް ކޮށްފައެވެ.
ކުރީގެ ގައުމީ ޓީމަށް ކުޅުނު އަޔާލާ ކައިރިން މިހާރުގެ ގައުމީ ޓީމްގެ ހުސެން ނިޔާޒް ބޯޅަ ނައްޓާލަނީ --- ސަން ފޮޓޯ: ފަޔާޒް މޫސާ
މެޗުގެ އެންމެ ފަހު ވަގުތުކޮޅުގައި ކުރީގެ ޓީމަށް ނަތީޖާ އެއްވަރު ކޮށްލަން ރަނގަޅު ފުރުސަތެއް ލިބުނުއިރު މުހައްމަދު އުމައިރު ދިން ބޯޅަ، އަކްރަމް އަބްދުލް ޣަނީ ފޮނުވާލި ނަމަވެސް އެބޯޅަ އަމާޒްވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.