30 Aug 2016, 00:21
އެމިރޭޓްސްގެ ފްލައިޓެއް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެމަޖެންސީގައި އަނބުރާ ޖައްސައިފިއެވެ.
އެމިރޭޓްސްގެ ފްލައިޓެއް އެމަޖެންސީގައި ޖައްސާފައިވާކަން އެމްއެންޑީއެފާއި، އެމްއޭސީއެލްއިންވެސް ވަނީ ސަން އަށް ކަށަވަރުކޮށްދީފައެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަގާމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ކެޕްޓަން އާޒިމް ވިދާޅުވީ، މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލައެއް ދިމާވެ، އެމިރޭޓްސްގެ ފްލައިޓެއް ޖައްސާފައިވަނީ ފްލައިޓުގެ ތެރެއިން ފަޔާ އެލާމެއް އަޅައިގެންކަމަށެވެ.
އައިއެންއައިއޭއިން ފުރިތާ 15 ވަރަކަށް މިނިޓްތެރޭގައި އެ އެއާޕޯޓަށް ޖައްސާފައި ވަނީ، މިރޭ މާލެއިން ދުބާއީއަށް ދަތުރުކުރިި އެމިރޭޓްސްގެ ފްލައިޓް ނަންބަރު އިކޭ 653އެވެ. ފްލައިޓް ޖެއްސުމަށްފަހު މިހާރު ވަނީ، ހުރިހާ ފަސިންޖަރުންވެސް ރައްކާތެރިކަމާއެކު ބޯޓުން ބާލުވާފައެވެ.
"ބޯޓު ފުރައިގެން ގާތްގަނޑަކަށް 15 ވަރަކަށް މިނިޓް ވާނީ، ކުއްލިއަކަށް ވަރަށް ބާރަށް ބޯޓު ތެޅިގަތް. ދެން އިރުކޮޅަކުން އަނބުރާ ލޭންޑުކުރިތަން ފެނުނީ. އެއަށްފަހު ކެޕްޓަން އެންގީ ފްލައިޓް އެޓެންޑެންޓުން އަންގާ ގޮތަކަށް އަމަލުކުރުމަށ. އަދި ހުރިހާ ސާމާނެއް ބޯޓަށް ދޫކޮށްލުމަށްފަހު އެންމެން ފައިބަން،" އެ ބޯޓުން ދަތުރުކުރި ފަސިންޖަރެއް ކަމަށްވާ ހުސައިން ސިނާން ސަންއަށް ކިޔައިދިނެވެ.
"މިހާރު އަޅުގަނޑުމެން ހުރިހާ ފަސިންޖަރުން މިތިބީ އެއާޕޯޓުގެ ޑިޕާޗާ ލޯންޖުގައި. މިހާރު ވަނީ ބޯޓުގެ ކުރޫއިންނާއި ކެޕްޓަންވެސް ބޯޓުން ފައިބާފައި."

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެމަޖެންސީގައި އަނބުރާ އެއާޕޯޓަށް ޖެއްސި އެމިރޭޓްސްގެ ފްލައިޓް ނަންބަރު އިކޭ 653ގެ ފަސިންޖަރުން އެއާޕޯޓްގެ ޑިޕާޗާ ހޯލްގައި -- ޓްވިޓާ ފޮޓޯ: ހުސައިން ސިނާން
އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި، އެއާޕޯޓުގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، 362 މީހުންނާއެކު ދަތުރުކުރި އެ ފްލައިޓް ޖެއްސީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށާއި، އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
"ބޯޓަށް ދިމާވީ ކޮން މައްސަލައެއް ކަމެއް ނޭނގެ. ނަމަވެސް ބޯޓު އޮތީ ޓޯކޮށްފައި. އެއާޕޯޓް މިހާރު ވަނީ އާންމު ހާލަތަކަށް ގެނެވިފައި. މިހާރު އެހެން ފްލައިޓްތަކުގެ ދަތުރުތައް ބަރާބަރަށް ކުރިއަށް ގެންދެވޭނެ،" އޮފިޝަލް ވިދާޅުވިއެވެ.
އެމްއެންޑީއެފްގެ އޮފިޝަލް ވިދާޅުވީ، ބޯޓުގައި ފާހަގަކުރެވޭ އެއްވެސް އިމަޖެންސީ ހާލަތެއް ފެންނަން ނެތްކަމަށެވެ.
ފްލައިޓުން ދަތުރުކުރި ފަސިންޖަރުންނާ މެދު ގޮތެއް ނިންމާނީ، އެމިރޭޓްސް އިން ކަމަށް އެމްއޭސީއެލުން މައުލޫމާތު ދެއެވެ.