01 Jun 2011, 10:09
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން )އެމްޓީޑީސީ(ގެ މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ސާފު ފައިދާ 23 މިލިއަން ރުފިޔާ އަށް އަރާކަމަށް އެކުންފުނިން ބުނެފި އެވެ.
އެ ކުންފުނީގެ ވެބްސައިޓުގައި އިއްޔެ ހިމަނާފައިވާ މި އަހަރުގެ ފުރަތަމަ ކްއާޓާގެ މާލީ ބަޔާނުގައިވާ ގޮތުން ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މާޗު މަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 55 މިލިއަން ރުފިޔާ ލިބިފައިވާއިރު، ހިންގުމުގެ ހަރަދަށް 32.3 މިލިއަން ރުފިޔާ ކަނޑައި 22.8 މިލިއަން ރުފިޔާގެ ޖުމްލަ ފައިދާވެފައިވެ އެވެ.
އޭގެ ތެރެއިން ކުންފުނީގެ ސާފު ފައިދާ އަށްވާ 23.5 މިލިއަން ރުފިޔާ އިން، މޫނު މަތީ އަގު 100 ރުފިޔާގެ ހިއްސާއަކަށް 9.23ރ. ގެ ފައިދާއެއް ތިން މަހަށް ޖެހިފައިވެ އެވެ.
އެމްޓީޑީސީގެ މާލީ ހާލަތު ދައްކައިދޭ މާލީ ބަޔާނުގައިވާ ގޮތުގައި، މާޗު މަހުގެ ނިޔަލަށް ބޭންކުގައި ހުރި ފައިސާ އާއި ވިޔަފާރި އަދި ރިސީވަބަލްސްގެ ]ކަރެންޓް އެސެޓް[ގެ ގޮތުގައި 914 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބެން ހުރިއިރު ކަރެންޓް ލައިބިލިޓީސް ނުވަތަ އެ ކުންފުނިން ވިޔަފާރި އާއި އެނޫން ގޮތްގޮތުން 1.1 ބިލިއަން ރުފިޔާ އެހެން ފަރާތްތަކަށް ދައްކަން ޖެހެ އެވެ.
އެމްޓީޑީސީ އަށް 2010 ވަނަ އަހަރު، ހިއްސާއަކަށް 29.74ރ. ގެ މަގުން 56.3 މިލިއަން ރުފިޔާ ފައިދާވި އެވެ. އަދި އޭގެ ކުރީ އަހަރު ހިއްސާއަކަށް 45.6ރ. ގެ މަގުން 86 މިލިއަން ރުފިޔާގެ ފައިދާވި އެވެ. އެ ފައިދާއިން 20ރ. ކޮންމެ ހިއްސާއަކަށް އެ އަހަރު ދިން ނަމަވެސް އެ އަހަރުގެ ފައިދާގެ އެއްވެސް މިންވަރެއް މިދިޔަ އަހަރު ހިއްސާދާރުންނަށް ބަހާފައެއް ނުވެ އެވެ.