29 Aug 2016, 18:43
ނޭޝަނަލް އެންސީޑީ އެކްޝަން ޕްލޭނާއި ނޭޝަނަލް ޓޮބޭކޯ ސެޒޭޝަން ޓޫލްކިޓް މިއަދު ތައާރަފްކޮށްފިއެވެ.
އައިޖީއެމްއެޗްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނޭޝަނަލް އެންސީޑީ އެކްޝަން ޕްލޭން އިފްތިތާހްކޮށްދެއްވީ، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. އަދި ނޭޝަނަލް ޓޮބޭކޯ ސެޒޭޝަން ޓޫލްކިޓް އިފްތިތާހްކޮށް ދެއްވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެޕްރެޒެންޓޭޓިވް ޑރ އަރުވިންދު މާތުރެވެ.

ނޭޝަނަލް ޓޮބޭކޯ ސެޒޭޝަން ޓޫލްކިޓް ޑރ އަރުވިންދު މާތުރް އިފްތިތާހް ކޮށްދެއްވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު
މިއަދުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލު ކުރުން ޒުވާނުންގެ ތެރޭގައި ވަރަށް ބޮޑަށް އާއްމު ވެފައިވާ ކަމަށެވެ. މިއަދު ތައާރަފް ކުރި ޓޮބޭކޯ ސެޒޭޝަން ޓޫލްކިޓުން ދުންފަތާ ދުރުހެލިވުމަށް ބޭނުންވާ ބޭފުޅުންނަށް އެހީތެރިވެވޭނެ މައުލޫމާތު ހިމެނޭނެ ކަމަށާއި، ތައާރަފް ކުރި ޓޫލްކިޓަކީ އެފަދަ ބޭފުޅުންނަށް ދެވުނު ބޮޑު އެހީތެރިކަމެއްކަމުގައި ދެކިލައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެންމެ މުހިއްމު ކަމަކީ މިއަދު ތައާފް ކުރެވުނު އެކްޝަން ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ރާވައި، އެ މަސައްކަތްތައް ކުރެވެމުންދޭތޯ އެންމެ ހައި ލެވެލް ގައި ބެލުން ކަމަށެވެ.

ނޭޝަނަލް އެންސީޑީ އެކްޝަން ޕްލޭނާއި ޓޮބޭކޯ ސެޒޭޝަން ޓޫލްކިޓް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު
މިނިސްޓަރުގެ ވާހަކަފުޅުގައި، ވަރަށް އަވަހަށް ރާއްޖެ ހިމެނޭ ސަރަހައްދުގެ 11 ގައުމެއްގެ ރީޖަނަލް ކޮންފަރެންސެއް ސްރީލަންކާގައި ބޭއްވިގެން ދާނެކަމަށްވެސް ވިދާޅުވިއެވެ. އެ ކޮންފަރެންސުގައި ނޮން ކޮމިއުނިކެބަލް ޑިޒީސް (އެންސީޑީ)ގެ މައްސަލައަކާ މެދު މަޝްވަރާކުރެވިގެން ދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިއަދު އިފްތިތާހް ކުރި އެންސީޑީ އެކްޝަން ޕްލޭނަކީ ރާއްޖޭގައި އެންމެ އާއްމުކޮށް ފެންނަ ގައިން ގަޔަށް ނާރާ ބަލިތަކާއި އެ ބަލިތަކަށް މަގުފަހިކުރުވާ ހިރާސްތަކާމެދު އާއްމު ހޭލުންތެރިކަން އިތުރު ކުރުމަށް ކުރެވޭ މަސައްކަތްތައް ރާވައި ހިންގުމަށްޓަކައި ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލައި ތައްޔާރު ކޮށްފައިވާ އެކްޝަން ޕްލޭނެކެވެ.
އެ ޕްލޭނަކީ ގައިން ގަަޔަށް ނާރާ ބަލިތަކުން ރައްކާތެރި ވުމަށް ހުރިހާ މުއައްސަސާތަކެއް ގުޅިގެން ގައުމީ ފެންވަރުގައި މަސައްކަތް ކުރުމަށާއި، އެފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ ފެންވަރުގައި ވެފައިވާ އެއްބަސްވުންތަކާއި ކުރެވޭ މަސައްކަތާއި ގުޅުވައިގެން އެކުލަވާލާފައިވާ އަދި ގައުމީ ފެންވަރުގައި ތަންފީޒު ކުރެވޭނެ ޕްލޭނެކެވެ.
އަދި މިއަދު އިފްތިތާހް ކުރި ނޭޝަނަލް ޓޮބޭކޯ ސެޒޭޝަން ޓޫލްކިޓަކީ ދުންފަތުގެ އިސްތިއުމާލުު ކުރުމުން އާއްމު ފަރުދުން ދުރުހެލި ކުރުމަށް އެހީތެރިވުމަށްޓަކައި ޑޮކްޓަރުންނަށް ތައްޔާރު ކޮށްފައިވާ ޓޫލްކިޓެކެވެ.
ހެލްތު ޕްރޮޓްކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ 2014 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއިން މަރުވާ މީހުންގެ 81 ޕަސަންޓަކީ ގައިން ގަޔަށް ނާރާ ބައްޔެއްގެ ސަބަބުން މަރުުވާ މީހުން ކަމަށެވެ. އަދި އޭގެ ތެރެއިންވެސް އެންމެ ގިނައީ ހިތުގެ ބަލިތަކާއި ފުއްޕާމޭގެ ބަލިތަކުގެ އިތުރުން ކެންސަރު ބަލީގައި މަރުވާ މީހުންކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.