އެއްގަމު ދަތުރުފަތުރުގެ ގާނޫނުން ލާޒިމް ކުރާ "ތާރޑް ޕާޓީ އިންޝުއަރެންސް"ގެ ޕްރިމިއަމް ކުޑަ ކުރަން ވިސްނަމުންދާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުލް ރަޝީދު ނާފިޒު ވިދާޅުވެއްޖެއެވެ.

ކަނޑު އުޅަނދު ފަހަރު އިންޝުއަރެންސް ކުރަން އެލައިޑާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން ނާފިޒު ވިދާޅުވީ، ތާރޑް ޕާޓީ އިންޝުއަރެންސް ޕޮސިލީގެ އެންމެ އެދެވޭ ފައިދާއެއް ކަސްޓަމަރުންނަށް ނުލިބޭކަމަށް ފާހަގަކުރެވިފައިވާ ކަމަށާއި ޕްރިމިއަމް މަތިވުމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ލިބެމުންދާ ޝަކުވާއެއް ތާރޑް ޕާޓް އިންޝުއަރެންސް ޕޮލިސީގެ ޕްރިމިއަލް މަތިވުމާއެކުމި ޕޮލިސީގެ ސީދާ ފައިދާ ދުއްވާ ފަރާތްތަކަށް ނުލިބޭކަން. އަޅުގަނޑަށް ފާހަގަވެފައިވާ ކަމެއް 2،000ރ. ނޫނީ އެއަށްވުރެ މަތިން ހަރަދުކުރަން ނުޖެހޭނަމަ ކަވަރެއް ނުކުރޭ. ނަމަވެސް އާންމުގޮތެއްގައި އެކްސިޑެންޓެއް ވީމަ ސައިކަލްގެ އެހެން ތަނެއް ތަޅައިގެން ދިއުން ނޫނީ، ކޫރު އެޅުނީމަ އެވަރު ހަރަދެއް ނުވޭ،" ނާފިޒު ވިދާޅުވިއެވެ.

ނާފިޒް ވިދާޅުވީ، އާންމުންނަށް ވީހާ ވެސް ލުއިފަސޭހަ ގޮތަކަށް އެ އިންޝުއަރެންސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ވިސްނާ ކަމަށާއި އެގޮތުން އިންޝުއަރެންސް ކުންފުނިތަކާއެކު ވާހަކަ ދައްކައިގެން ޕްރިމިއަމް ކުޑަ ކުރަން ވިސްނާ ކަމަށެވެ.

ތާރޑް ޕާޓީ އިންޝުއަރެންސުގެ ދަށުން ޕްރިމިއަމް ދެއްކުމަށް ހަތަރު ކެޓަގަރީއެއް ކަނޑައަޅާފައިވެއެވެ. އެގޮތުން، 50 ސީސީއާ ހަމަޔަށް ސައިކަލްތަކުން ދައްކަން ޖެހެނީ 150ރ. އެވެ. އަދި 50-250 ސީސީގެ ސައިކަލްތަކަށް 175ރ. ދައްކަން ޖެހެއެވެ.

އޭގެ އިތުރުން 250 ސީސީން މަތީގެ ސައިކަލްތަކަށް 400ރ. ދައްކަން ޖެހޭއިރު، އަމިއްލަ ޕްރައިވެޓް ކާރެއްނަމަ ދައްކަން ޖެހެނީ 750ރ. އެވެ.

ޓެކްސީތަކުން ދައްކަން ޖެހެނީ 1،000ރ. އެވެ. އަމިއްލަ ބޭނުމާއި ވިޔަފާރީގެ ބޭނުންތަކަށް ދުއްވާ އުޅަނދުތަކުން 1،000ރ. ދައްކަން ޖެހެއެވެ. އަދި ޓެކްސީ ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ އުޅަނދުތަކުން 1،500ރ. ދައްކަން ޖެހޭއިރު، އެހެނިހެން ބޭނުންތަކަށް ހާއްސަ އުޅަނދު ފަހަރުން ދައްކަން ޖެހެނީ 2،000ރ. އެވެ.