29 Aug 2016, 15:56
"ޕްރޮވިޝަން އޮފް މެރިން ހަލް އިންޝުއަރަންސް"ގެ ނަމުގައި ކަނޑު އުޅަނދުފަހަރަށް އިންޝުއަރަންސް ހިދުމަތް ފޯރުކޮށްދިނުމަށް ޓްރާންސްޕޯޓް އޮތޯރިޓީން އެލައިޑް އިންޝުއަރަންސާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ސްޓެލްކޯ ކޮންފަރެންސް ހޯލްގައި މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ އެ އޮތޯރިޓީގެ ޗެއާމަން އަބްދުލް ރަޝީދު ނާފިޒު އާއި ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ނަސީރު މުހައްމަދު އެވެ. އެލައިޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް އާއި ޖެނެރަލް މެނޭޖަރު އަހުމަދު ރިޔާޒީ މުހައްމަދު އެވެ.
ކަނޑު އުޅަނދުތަކުގެ އިންޝުއަރަންސް ހިދުމަތް ދިނުމަށް އެލައިޑާ ހަވާލުކުރުމަށް ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
ސޮއިކުރެއްވުމަށް ފަހު އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން ނާފިޒު ވިދާޅުވީ، ރާއްޖެއަކީ ކަނޑުދަތުރު ކުރާ އުޅަނދުފަހަރުތައް ގިނަ ގައުމަކަށްވާ އިރު އެފަދަ އުޅަނދުތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރު ކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށާއި އެފަދަ ކަންކަމުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ.
ނާފިޒް ވިދާޅުވީ މިއަދު ސޮއިކުރީ ހަލް އެންޑް މެޝިނަރީގެ ޕޮލިސީ އެއްގައި ކަމަށެވެ. މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އަންނަ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކަނޑު ދަތުރުކުރާ އުޅަނދުފަހަރަށް އެ އިންޝުއަރަންސް ޕޮލިސީ ނެގުމަކީ "މަޖުބޫރު ކަމެއް" ކަމަށް ވިދާޅުވި އެވެ.
"މިހާރު ދެ ދޯނި ޖެހިގެން ހިނގާ އެކްސިޑެންޓްތައް ކަހަލަ ކަންކަމުގައި އޮޑިވެރިންނަށް އެބަ އެކަން ފޫބައްދާލެވޭ. ނަމަވެސް އެބޭފުޅުންނަށް ބޮޑަށް ގެއްލުން ވަނީ ދޯނި އަޑިއަށް ގޮސްގެން ނުވަތަ ފަރަށް އެރުން ކަހަލަ ކަންކަމުގައި. އެފަދަ ކަންކަމުގައި މި އިންޝުއަރަންސް ޕޮލިސީގެ ދަށުން ބަދަލު ލިބޭނެ،" ނާފިޒް ވިދާޅުވި އެވެ.
އެލައިޑް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމީލް ވިދާޅުވީ، ކަމެއް ދިމާވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކިީ އެންމެ ރަނގަޅު ގޮތްކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކަނޑު އުޅަނދުތައް އިންޝުއާ ކުރެވިގެންދާ އިރު ހިދުމަތް ފެށިގެންދާނީ އޮންލައިންކޮށް ވެސް ކަސްޓަމަރުންނަށް އެ ޕޮލިސީގައި ބައިވެރިވެ ހިދުމަތް ހޯދޭނެގޮތަށް ކަމަށެވެ.