ބްރަސެލްސް (އޮގަސްޓް 29): ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގެ ކްރައިމް ލެބެއްގައި މިއަދު ރޯކޮށްލާފައި ވަނީ އެ ލެބުގައި ހުރި ހެކިތަކެއް ނައްތާލަން ކަމަށް ބްރަސެލްސްގެ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ބެލްޖިއަމްގެ ނޫސްތަކުގައިވާ ގޮތުން ކާރެއްގައި ތިބި ބަޔަކު ލެބުގެ ގޭޓުތައް ހަލާކުކޮށްލުމަށް ފަހު ވަތް ފަހުން އެތަނުގައި އެއްޗެއް ގޮވައި، ބޮޑު އަލިފާންގަނޑެއް ފެތުރުނެވެ.

ބްރަސެލްސްގެ ޕްރޮސިކިއުޓާ ޖެނެރަލްގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި އެ ހަމަލާގެ ބޭނުމަކީ ލެބުގައި ހުރި ފައިލްތަކެއް އަންދާލުމެވެ. އަދި އެތާ ތެރެއިން އެއްޗެއް ގޮވި އަޑު އިވުނު ނަމަވެސް އެއީ ބޮމެއް ކަމަށް ލަފާ ނުކުރެވޭ ކަމަށާއި އެއީ ލެބުގައި ހުރި ގޮވާޒާތުގެ ތަކެތީގެ ސަބަބުން ގޮވި ގޮވުމެއް ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ އިރު ލެބުގައި ރޯވި އަލިފާންގަނޑު ވަނީ މިހާރު ނިއްވާލާފައި ކަމަށް ބެލްޖިއަމްގެ މީޑިއާތަކުން ބުނެ އެވެ. އަދި ހަމަލާ ދިން ކަމަށް ލަފާ ކުރެވޭ ފަސް މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ ކަމަށް ވެސް މީޑިއާތަކުގައިވެ އެވެ.

މިދިޔަ މާޗް މަހު ބްރަސެލްސްގެ އެއާޕޯޓެއްގައި ބޮމުގެ ހަމަލާތަކެއްދީ 32 މީހަކު މަރާލި ފަހުން ބެލްޖިއަމްގައި ވަނީ ޓެރާ އެލާޓް މަތިކޮށްފަ އެވެ. (ބީބީސީ)