ވޮޝިންޓަން : އެމެރިކާ ސިފައިންގެ ލަޝްކަރުތަކުގެ އިސް ކޮމާންޑަރު ކަމުގެ މަޤާމަށް ޖެނެރަލް މާޓިން ޑިމްޕްސީ ޢައްޔަންކުރައްވައިފިކަން ރައީސް ބަރަކް އޮބާމާ އިޢްލާންކުރައްވައިފިއެވެ.

އެމެރިކާ ސިފައިންގެ ލަޝްކަރުތަކުގެ އިސް ކޮމާންޑަރު ކަމުގެ މަޤާމަކީ އެ ލަޝްކަރުތަކުގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ކަމުގެ މަޤާމެވެ. މި މަޤާމަށް ޖެނެރަލް މާޓިން ޢައްޔަން ކުރެއްވުމަށްފަހު އޮބާމާވަނީ މާޓިން އަށް ރުހުން ދިނުމަށް ސެނެޓަށް ގޮވާލައްވާފަ އެވެ. އެ މަޤާމަށް ޢައްޔަން ކުރެއްވި އިރު މާޓިން ހުންނެވީ އެމެރިކާ ސިފައިންގެ ޗީފް އޮފް ސްޓާފް ކަމުގެ މަޤާމުގަ އެވެ. ޖޮއިންޓް ޗީފް ކަމުގެ މަޤާމަކީ އެމެރިކާ ސިފައިންގެ އެންމެ މަތީ މަޤާމެވެ.

މާޓިންގެ އިތުރުން އެމެރިކާ ސިފައިންގެ އިތުރު ދެމަޤާމަކަށްވެސް އޮބާމާ ދެ ބޭފުޅަކު ޢައްޔަން ކުރެއްވިއެވެ. އެއީ ސިފައިންގެ ޗީފް އޮފް ސްޓާފް ކަމުގެ މަޤާމަށް ޖެނެރަލް ރެއިމަންޑް އޮޑިނޯ އާއި ސިފައިންގެ ޗީފް އޮފް ސްޓާފްގެ ނައިބު ކަމުގެ މަޤާމަށް އެޑްމިރަލް ޖޭމްސް ވިންފީލްޑް އެވެ.

މިހާތަނަށް ޖޮއިންޓް ޗީފް އޮފް ސްޓާފް ކަމުގެ މަޤާމްގައި ހުންނެވި އެޑްމިރަލް މައިކް މުލެން އަންނަ ސެޕްޓެމްބަރު މަހު ސިފައިންގެ ޚިދްމަތުން މުސްކުޅި ކުރެވޭނެއެވެ. ޖެނެރަލް މާޓިން އެމަޤާމާ ރަސްމީ ގޮތުން ޙަވާލުވެ ވަޑައިގަންނަވާނީވެސް އެތާރީޚުގަ އެވެ.

އުމުރުން 59 އަހަރުގެ ޖެނެރަލް މާޓިން އަކީ އެމެރިކާގެ މަޝްހޫރު ވެސްޓް ޕޮއިންޓް މިލިޓްރީ ސްކޫލުން ކިޔަވާވިދާޅުވި ބޭފުޅެކެވެ. ޖޮއިންޓް ޗީފް ކަމުގެ މަޤާމުން މުސްކުޅި ކުރެއްވުމަށް ހަމަޖެހިފައިވާ، އަދި މިހާރު އެމަޤާމުގައި ހުންނެވި އެޑްމިރަލް މުލެން އެމަޤާމަށް ޢައްޔަން ކުރެއްވީ، މީގެ ހަތަރު އަހަރު ކުރިން އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝްއެވެ.

ބުޝްގެ ދުވަސްވަރު އެމެރިކާ ސަލާމަތާބެހޭ ޓީމުގެ އިސްމަޤާމްތަކަށް ޢައްޔަން ކުރެއްވި ގިނަ ބޭފުޅުން އޮބާމާގެވަނީ ބަދަލުކުރައްވާފަ އެވެ. މީގެތެރޭގައި ދިފާޢީ ވަޒީރު ރޮބަޓް ގޭޓްސްގެ ބަދަލުގައި އެމަޤާމަށް ލިޔޮން ބެނީޓާ ޢައްޔަން ކުރެއްވުމާއި، ޖާސޫސީ މަރުކަޒީ އިދާރާ (ސީ.އައި.އޭ.) ވެރިޔާގެ މަޤާމަށް ޖެނެރަލް ޑޭވިޑް ޕެޓްރާވްސް ޢައްޔަން ކުރެއްވުން ހިމެނެއެވެ.
ބެނީޓާ ދިފާޢީ ވަޒީރު ކަމުގެ މަޤާމާ ޙަވާލުވެވަޑައިގަންނަވާނީ އަންނަ މަހުއެވެ. އަދި ސިފައިންގެ ލަޝްކަރުތަކުގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ކަމުގެ މަޤާމަށް ޢައްޔަން ކުރެއްވި ޖެނެރަލް މާޓިން ޑިންމްޕްސީ އެމަޤާމާ ޙަވާލުވެ ވަޑައިގަންނަވާނީ އަންނަ ސެޕްޓެމްބަރު މަހުއެވެ. -- ނޫސްއެޖެންސީތައް

> ހަބަރާ ގުޅޭ ވީޑިއޯ

http://www.youtube.com/watch?v=pGOCh1Ijr-8&feature=related