މަގުތަކުގައި ނުގަވައިދުން ހިނގާ ކަންކަން ހައުސިން މިނިސްޓްރީއަށް ރިޕޯޓް ކުރެވޭނެ މޯބައިލް އެޕްލިކޭޝަންއެއް ތައާރަފް ކުރުމަށް އެމިނިސްޓްރީން ނިންމައިފި އެވެ.

އެންޑްރޮއިޑް އަދި އެޕަލް ފޯންތަކަށް ހާއްސަކޮށްގެން އެމިނިސްޓްރީން ވަރަށް އަވަހަށް ތައާރަފް ކުރަން ނިންމާފައިވާ އެ އެޕްލިކޭޝަން މެދުވެރިކޮށް ބަންދުކޮށްގެން މަސައްކަތްކުރާ މަގުތަކުގެ މައުލޫމާތާއި ގަވައިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ އުޅަނދުތަކުގެ މައުލޫމާތާއި މަގުތަކަށް ކުނި އަޅާފައި ހުރުމުން އެކަމުގެ މައުލޫމާތު ރިޕޯޓް ކުރެވޭނެ އެވެ. އަދި ސަލާމަތީ ކަންކަމަށް ނުބަލާ ކުރާ މަސައްކަތް ރިޕޯޓް ކުރެވެ އެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލު ހުސެއިން މިއަދު ސަން އަށް ވިދާޅުވީ، އެއެޕްލިކޭޝަން މެދުވެރިކޮށް ޝަކުވާތައް ހުށައެޅުމުން އެމިނިސްޓްރީން އެސަރަހައްދަކަށް ގޮސް އެކަން ހައްލު ކުރާނެ ކަމަށެވެ.

އެއެޕްލިކޭޝަންގެ ބޭނުމަކީ އެމިނިސްޓްރީއާއި އާންމު ރައްޔިތުންނާއި ދޭތެރޭ އޮންނަ ގުޅުން ބަދަހި ކުރުން ކަމަށް ފަޒާލް ވިދާޅުވި އެވެ.