ސައުދީ އަރަބިއްޔާގެ ހިލޭ އެހީގެ ދަށުން ތިން ރަށެއްގައި މިސްކިތް އިމާރާތް ކުރުމަށް ކުންފުނިތަކަކާ ހަވާލު ކޮށްފި އެވެ.

މިއަދު ދެ ކުންފުންޏަކާ ހަވާލު ކޮށްފައި ވަނީ ށ. ފީވަށް، ނ. ޅޮހި އަދި ނ. މާޅެންދޫގައި މިސްކިތް އެޅުމަށެވެ. ތިން މިސްކިތަށް ޖުމްލަ 9.7 މިލިޔަން ރުފިޔާ ޚަރަދު ވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެ އެވެ.

ފީވަކުގައި އަޅާ 504 މީހުންގެ ޖާގައިގެ މިސްކިތަށް ގާތްގަނޑަކަށް 1.4 މިލިޔަން ރުފިޔާ ޚަރަދުވާ އިރު، މި މިސްކިތް ދެ މަސް ދުވަސް ތެރޭގައި ނިންމަން ޖެހެ އެވެ. އަދި 304 މީހުންގެ ޖާގައިގެ މިސްކިތެއް ޅޮހީގައި އަޅާ އިރު އެ މިސްކިތަށް ހަތަރު މިލިޔަން ރުފިޔާ ޚަރަދު ވެ އެވެ. އެ ދެ މިސްކިތް އެޅުމަށް ހަވާލު ކޮށްފައި ވަނީ ވިމްލާ ކޮންސްޓްރަކްޝަނަށެވެ.

އަދި މިއަދު ހަވާލުކުރި ތިން ވަނަ މިސްކިތް ކަމުގައިވާ ނ. މާޅެންދޫގައި އަޅާ މިސްކިތް އެޅުމަށް ހަވާލުކުރީ އިނޯކާ ޕްރައިވެޓް ލިމިޓެޑަށެވެ. އެ މިސްކިތް އިމާރާތް ކުރުމަށް ގާތްގަނޑަކަށް 4.3 މިލިޔަން ރުފިޔާ ޚަރަދު ވާނެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޒިޔާދު ބާގިރު ވިދާޅުވީ އެ ތިން މިސްކިތުގެ މަސައްކަތް ކުރުމަށް 2014 ވަނަ އަހަރު ބަޔަކާ ހަވާލު ކުރެވުނު ކަމަށާއި އެހެން ނަމަވެސް އެކި އެކި ސަބަބުތަކާ ހުރެ އެ މަސައްކަތްތައް އޮތީ ހުއްޓިފައި ކަމަށެވެ.