01 Jun 2011, 07:14
ބަލްގްރޭޑް: ބޮސްނިޔާ ސާބުންގެ ކުރީގެ އަސްކަރީ ލީޑަރު ޖެނެރަލް ރަޓްކޯ މުލަޑިޗްގެ މައްޗަށް ޝަރީޢަތް ހިންގުމަށްޓަކައި ދަހޭގްގައި ހުންނަ އދ. ގެ ޚާއްސަ ކޯޓާ އޭނާ ޙަވާލުކޮށްފި އެވެ.
ސާބިޔާގެ ޖަސްޓިސް މިނިސްޓްރީން އިއްޔެ ބުނިގޮތުގައި ޖެނެރަލް މުލަޑިޗް، ދަހޭގްގައި ހުންނަ ކުރީގެ ޔުގޮސްލޭވިޔާގެ ހަނގުރާމައިގެ ޖަރީމާތައް ބަލާ އދ. ގެ ޚާއްސަ ކޯޓާ ހަވާލުކުރީ އެކޯޓާ ޙަވާލުކުރުމާ ދެކޮޅަށް އޭނާ އިސްތިއުނާފް ކުރެއްވި މައްސަލަ ނާކާމިޔާބު ވުމުންނެވެ.
ބަލްކަންގެ ޤާތިލުގެ ނަމުން ނަންދެވިފައިވާ ޖެނެރަލް މުލަޑިޗް އދ. ގެ ކޯޓާ ޙަވާލުކުރުމާ ދެކޮޅަށް ސާބުންގެ ހަރުކަށި ޚިޔާލުގެ އެތަށް ހާސް ބަޔަކު ބަލްގްރޭޑްގައި އިއްޔެ މުޒާހަރާ ކޮށްފައިވެއެވެ.
މުލަޑިޗް އދ. ގެ ކޯޓާ ޙަވާލުކުރުމާ ދެކޮޅަށް މުލަޑިޗްގެ ވަކީލުން ހުށަހެޅުއްވި މައްސަލަ ނާކާމިޔާބުވީ ޝަރީޢަތް ހިންގޭވަރަށް އޭނާގެ ސިއްހީ ޙާލަތު ރަނގަޅުކަމަށް ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެން ކަމަށް ޚަބަރުތައް ބުނެއެވެ. އޭނާ ދަ ހޭގަށް ގެންދެވުނީ ސާބިޔާގެ ފުލުުހުންގެ ބެލުމުގެ ދަށުން އެޤައުމުގެ މަތިންދާބޯޓެއްގައި ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާ އެކުގައެވެ.
ބަލްކަންގެ ޤާތިލު ޖެނެރަލް މުލަޑިޗް، ބަލްގްރޭޑުން ފުރުވާލުމުގެ ކުރިން އޭނާގެ އަންހެން ދަރިކަނބަލުން އަނާ މުލަޑިޗްގެ މަޤްބަރާއަށް ޒިޔާރަތް ކުރެއްވުމުގެ ފުރްސަތު ސާބިޔާ ސަރުކާރުން އޭނާއަށް ދިނެވެ. ބޮސްނިޔާގެ މުސްލިމުން މެރުމަށް ފާޅުގައި ތާއީދުކުރެއްވި އަނާ މުލަޑިޗް އަމިއްލައަށް މަރުވީ 1994 ގައެވެ. އޭނާ ވަޅުލާފައިވަނީ ބަލްގްރޭޑްގެ އުތުރުގައިވާ ޤަބްރުސްތާނެއްގަ އެވެ.
ޖެނެރަލް މުލަޑިޗްގެ މައްޗަށް ކުރެވިފައިވާ ތުހުމަތު ތަކުގެ ތެރޭގައި، ބޮސްނިޔާގެ މުސްލިމުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގުމާއި މުސްލިމުންގެ ނަސްލު ނައްތާލުމަށްޓަކައި އެތަށް ހާސްބަޔަކު މެރުމަށް އަމުރުކުރުމާއި އޭގެތެރެއިން 15 ވަރަކަށް ހާސް މުސްލިމުން މެރުމުގައި ޢަމަލީގޮތުން ބައިވެރިވުން ހިމެނެއެވެ.
މި ތުހުމަތުތައް އޭނާގެ މައްޗަށް ސާބިތުވާ މިންވަރަށް މިހާރުވެސް ހެކިލިބިފައިވާ ކަމަށާއި މުލަޑިޗްގެ މައްޗަށް މަރުގެ ޙުކުމެއް ނޫނީ އުމުރަށް ޖަލަށް ލުމުގެ ޙުކުމެއް އަންނާނެ ކަމަށް ޤާނޫނީ ތަޖްރިބާކާރުން ލަފާކުރައްވަ އެވެ.
ސަާބިޔާގެ ސަލާމަތީ ބާރުތަކުން ޖެނެރަލް މުލަޑިޗް ހައްޔަރުކޮށްފައިވަނީ ފިލައިގެން އުޅުއްވާތާ 16 އަހަރުފަހުން މިދިޔަ ބުރާސްފަތިދުވަހުއެވެ. ސަރިބިޔާ ސިފައިން އޭނާ ހައްޔަރުކުރީ އެޤައުމުގެ އެކަހެރި ހިސާބެއްގައިވާ ގެއެއްގައި އުޅުއްވަނިކޮށް ކަމަށް ރިޕޯޓްތައް ބުނެއެވެ. -- ނޫސްއެޖެންސީތައް