29 Aug 2016, 11:07
ބާލިން (އޮގަސްޓް 29): އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ވަކިވުން ނުވަތަ ބްރެކްޒިޓްގެ ކަންތައްތައް ރަނގަޅަށް ނުގެންގޮސްފި ނަމަ މުސްތަގުބަލުގައި އީޔޫއަށް ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ޖަރުމަނުގެ ވައިސް ޗާންސެލަރު، ސިގްމާ ގެބްރިއެލް ވިދާޅުވެއްޖެ އެވެ.
ވައިސް ޗާންސެލަރު ގެބްރިއެލް ވިދާޅުވެފައި ވަނީ އީޔޫއިން އިނގިރޭސިވިލާތް ވަކިވުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވަން އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ އެ ގައުމުގެ މިނިސްޓަރުންނާ ބައްދަލު ކުރެއްވި ފަހުންނެވެ.
ގެބްރިއެލް ވިދާޅުވީ އިނގިރޭސިވިލާތް ފަދައިން އެހެން ގައުމުތަކުން އީޔޫއިން ވަކިވާން ފަށައިފި ނަމަ އީޔޫއަށް ބޮޑު ގެއްލުމަކަށް ވާނެ ކަމަށެވެ. އެހެންކަމުން އީޔޫގެ މެމްބަރެއްގެ ގޮތުން ފުރިހަމަ ކުރަން ޖެހޭ ޒިންމާތައް އިނގިރޭސިވިލާތުން ފުރިހަމަ ނުކުރާނަމަ، އީޔޫއިން ލިބިދޭ ފައިދާތައް ވެސް އިނގިރޭސިވިލާތައް ލިބިގެންނުވާނެ ކަމަށް ގެބްރިއެލް ވިދާޅުވި އެވެ.
"ބްރެކްޒިޓް ރަނގަޅަށް ނުރާވައިފި ނަމަ އަޅުގަނޑުމެންނަށް [އީޔޫއަށް] ދަތިތަކާ ކުރިމަތިލާންޖެހޭނެ. އެހެންކަމުން އީޔޫގެ މެމްބަރެއްގެ ގޮތުން ފުރިހަމަ ކުރަން ޖެހޭ ޒިންމާތައް އިނގިރޭސިވިލާތުން ފުރިހަމަ ނުކުރާނަމަ، އީޔޫއިން ލިބިދޭ ފައިދާތައް ވެސް އިނގިރޭސިވިލާތައް ނުލިބޭނެ ކަން އަޅުގަނޑުމެން ޔަގީން ކުރަން ޖެހޭ،" ގެބްރިއެލް ވިދާޅުވި އެވެ.
އީޔޫއިން ވަކިވުމާ ބެހޭ ގޮތުން އިނގިރޭސިވިލާތުގައި ބޭއްވި ފެންނަ ނުފެންނަ ވޯޓެއްގައި، އެގައުމުގެ ރައްޔިތުން ވަނީ އިޔޫއިން ވަކިވުމަށް ވޯޓު ދީފަ އެވެ. އެވޯޓުގެ ނަތީޖާއާ ގުޅިގެން ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަން އިސްތިއުފާ ދެއްވުމުން ބޮޑުވަޒީރު ކަމާ ހަވާލުވެ ވަޑައިގެންނެވި ތެރީސާ މޭ ވަނީ ވޯޓާ އެއްގޮތަށް އަމަލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އިނގިރޭސިވިލާތް އީޔޫއިން ވަކިވުމާ ބެހޭ ގޮތުން އީޔޫއާ އެކު މިއަންނަ އަހަރު މަޝްވަރާތައް ފައްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ. (އިންޑިޕެންޑެންޓް)