އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗަސްޓާ ސިޓީ ކުޅުނު ތިން ވަނަ މެޗު 3-1ގެ ނަތީޖާ އަކުން ވެސްޓްހަމް ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފި އެވެ.

ސިޓީން ތިން މެޗުން ހޯދި ނުވަ ޕޮއިންޓާ އެކު އެއް ވަނާގައި އޮތް އިރު ދެ ވަނާގައި ޗެލްސީ އަދި ތިން ވަނާގައި އޮތް މެންޗަސްޓާ ޔުނައިޓެޑަށް ވެސް ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ. ނަމަވެސް ސިޓީއަށް އެއްވަނަ ލިބެނީ ގޯލުގެ ތަފާތުން ކުރި ލިބިގެންނެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު އެ މެޗުގެ ފުރަތަމަ 20 މިނެޓްގައި އެ ޓީމުން ވަނީ ދެ ގޯލު ކާމިޔާބުކޮށް މެޗުގެ ލީޑްނަގާފަ އެވެ. ސިޓީގެ ފުރަތަމަ ގޯލު ނޮލީޓޯގެ އެހީތެރިކަމާއެކު ރަހީމް ސްޓާލިން ކާމިޔާބު ކުރިއިރު ދެވަނަ ގޯލު ފެނާންޑީނިއޯ ކާމިޔާބު ކުރީ ކެވިން ޑެބްރުނީ ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ.

ދެ ވަނަ ހާފު ފެށިގެން ވެސް ސިޓީން ރަނގަޅަށް ކުޅެމުން ދިޔަ ނަމަވެސް 58 ވަނަ މިނެޓްގައި ވެސްޓް ހަމްގެ މިކައިލް އެންޓީނިއޯ ވަނީ ގޯލެއް ކާމިޔާބްކޮށް އެ ޓީމަށް ސުން ކަނޑުވާލަ ދީފައެވެ.

ވެސްޓް ހަމްގެ ގޯލަށްފަހު ވެސް ސިޓީ އިން ރަނގަޅަށް ކުޅުނު އިރު އެ ޓީމްގެ ފަހު ގޯލު އިތުރު ވަގުތުގެ ތެރޭގައި ސްޓާލިން ކާމިޔާބު ކުރީ ޑޭވިޑް ސިލްވާ ތަނަވަސް ކޮށްދިން ފުރުސަތެއްގަ އެވެ.

ލީގުގައި ސިޓީން އަންނަ މަހު 10 ވަނަ ދުވަހު ނުކުންނާނީ ވާދަވެރި މެންޗަސްޓާ ޔުނައިޓެޑާ ދެކޮޅަށް އޯލްޑް ޓްރެފޯޑްގަ އެވެ.