29 Aug 2016, 10:25
ލިބުނު ޖިންސީ އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި، ގދ. ތިނަދޫ ތޭންކު، ޒިޔާދާ ނައީމްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ އެރަށު ޖަވާހިރުމާގޭ ދެކުނު އިބްރާހީމް ޝާހުގެ މައްޗަށް އުފުލި ދައުވާގެ އަޑުއެހުންތައް ސިއްރު ކޮށްފި އެވެ.
އެމައްސަލަ މިއަދު 14:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައިވާ އިރު އެ މައްސަލަ ސިއްރު ކުރަން ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ ޕީޖީއިން އެދިގެން ކަމަށް ކޯޓުގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
މީގެކުރިން ވެސް ބަދު އަހުލާގީ މައްސަލަތަކާ ގުޅުން ހުރި މައްސަލަތައް ކޯޓުން ކުރިއަށް ގެންދަނީ ޝަރީއަތުގެ މަޖިލީސް ސިއްރުކޮށްގެނެވެ.
ޒިޔާދާގެ މަރުގެ މައްސަލާގައި ޝާހުގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް އުފުލައިފަ އެވެ. އެއީ ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ދައުވާ އާއި މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެދިޔުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އެވެ.
"ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ދައުވާ" ޝާހުގެ މައްޗަށް އުފުލާފައި ވަނީ ޖިންސީ ކުށުގެ ގާނޫނުގެ 20 ވަނަ މާއްދާގެ ނަންބަރެއްގެ ދަށުންނެވެ. ނަމަވެސް އެއީ ކޮން މާއްދާއެއް ކަމެއް ނޭނގެ އެވެ.
ޖިންސީ ކުށުގެ ގާނޫނުގެ 20 ވަނަ މާއްދާ
20 ވަނަ މާއްދާގެ (ހ) މި ގާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންވެގެންވާ ރޭޕްކުރުމުގެ ކުށަކީ، ދެމަފިރިންގެ ދެމެދުގައި ކުރެވޭ ކުށެއް ކަމަށް އާންމު އުސޫލުން މި ގާނޫނު ނުބެލިކަމުގައިވީ ނަމަވެސް އަންނަނިވި އިސްތިސްނާ ހާލަތްތަކުގައި އަނބިމިހާގެ ރުހުމާ ނުލައި، އޭނާގެ ފިރިމީހާ އޭނައާ އެކު ޖިމާޢުވުމަކީ، އަނބިމީހާ ރޭޕްކުރީ ކަމުގައި ބެލެވޭނެއެވެ.
ދެމީހުންގެ ދެމެދުގައި އޮތް ކާވެނި، ޝަރީއަތް މެދުވެރިކޮށް ރޫޅާލުމުގެ ނުވަތަ ތަފްރީގު ކުރުމުގެ މަރުހަލާއެއް ޝަރީއަތުގައި ހިނގަމުން ދިޔުމާއި، އެ މައްސަލަ އޮތީ ޝަރީއަތުގެ އަޑުއެހުންތައް ނިމި ހުކުމެއް އިއްވުމާ ހަމައިގައި ކަމުގައިވުން. ނުވަތަ
- އަނބިމީހާ ވަރިކުރުމަށް އެދި ފިރިމީހާ، ނުވަތަ ފިރިމީހާގެ ކިބައިން ވަރިވުމަށް އެދި އަނބިމީހާ ހުށަހަޅާފައިވާ މައްސަލައެއް ޝަރީއަތުގައި ހިނގަމުން ދިޔުމާއި، އެ މައްސަލަ އޮތީ ޝަރީއަތުގެ އަޑުއެހުންތައް ނިމި ހުކުމެއް އިއްވުމާ ހަމައިގައި ކަމުގައިވުން. ނުވަތަ
- ގައިން ގަޔަށް އަރާ ނުރައްކާތެރި ޖިންސީ ބައްޔެއް ފިރިމީހާގައި ހުރިކަން އެނގިހުރެ، އަނބިމީހާ އަށް އެބަލި ވާސިލުކުރުމުގެ ބޭނުމުގައި، އޭނައާ ޖިމާޢުވުން. ނުވަތަ
- ދެމަފިރިން ވަރިނުވި ކަމުގައި ވީނަމަވެސް، ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމެއްގެ ދަށުން، މަސްލަހަތަށް ޓަކައި ވަކިން ދިރިއުޅެމުންދާ ދެ މީހުން ކަމުގައިވުން.
އެ މާއްދާގެ (ށ) ގައި ބުނެފައި ވަނީ އެ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ކުށުގެ ބޭނުމަށްޓަކައި ތިން ހާލަތެއްގައި އަނބިމީހާގެ ރުހުން އޮތްކަމުގައި ނުބެލެވޭނެ ކަމަށެވެ.
މަރާލާނެ ކަމުގެ ބިރުދައްކައިގެން، ނުވަތަ އަނިޔާކޮށްގެން ނުވަތަ އަނިޔާ ކުރާނެ ކަމުގެ ބިރުދައްކައިގެން، ނުވަތަ އޭނައާ ތިމާގެކަމުގެ ގޮތުން ނުވަތަ ކާވެނީގެ ގޮތުން ގުޅުން އޮތް މީހަކު މަރާލާނެ ކަމުގެ ބިރުދައްކައިގެން ނުވަތަ އެމީހަކަށް އަނިޔާކުރާނެ ކަމުގެ ބިރުދައްކައިގެން ހޯދާފައިވާ ރުހުމަކަށްވުން. ނުވަތަ
- ނުރަނގަޅު ހަގީގަތެއްގެ މައްޗަށް ބިނާކޮށް އޭނާއަށް ހަގީގަތް އޮޅުވާލައިގެން ހޯދާފައިވާ ރުހުމަކަށްވުން. ނުވަތަ
- އެކުރެވެނީ ކޮންކަމެއްކަން އޭނާއަށް އޮޅުވާލައިގެން ހޯދާފައިވާ ރުހުމަކަށްވުން.
ޖިންސީ ކުށުގެ ގާނޫނުގައި ބުނާ ގޮތުން "ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ" ކުށެއް ކުރީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ކަމުގައިވާ ނަމަ އަދަބަކީ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުން ކަމަށެވެ. އަދި އެކުށްކުރީ އެ ނޫންގޮތެއްގައި ކަމުގައިވާ ނަމަ އަދަބަކީ އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ.
މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 111 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. އެ ކުށަށް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެވެ.
މީހަކު މަރުވެދިޔުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 112 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. އެ ދައުވާއަށް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކީ ހަ އަހަރެވެ.
އެ ހުރިހާ ދައުވާތައް ސާބިތުވެއްޖެނަމަ 10 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް ޝާހު އަށް އަންނާނެ އެވެ.
އައިޖީއެމްއެޗުގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ހޯދަމުން ދަނިކޮށް ހާލަތު އިތުރަށް ގޯސްވެގެން ޒިޔާދާ މަރުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.