ސްޕެނިޝް ލީގްގައި ރޭ އެތުލެޓިކޯ ބިލްބާއޯ އަތުން 0-1ގެ ނަތީޖާ އަކުން އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ މޮޅުވެއްޖެ އެވެ.

ބިލްބާއޯ ދަނޑުގައި ކުޅުނު އެ މެޗު ފެށިގެން އެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް މެޗުގެ 21 ވަނަ މިނެޓްގައި ބާސެލޯނާ އިން ވަނީ ލީޑް ނަގައިފަ އެވެ. އެ ގޯލު އިވާން ރަކިޓިޗް ކާމިޔާބު ކޮށްދިނީ އަރްދާ ތުރާން ތަނަވަސް ކޮށްދިން ފުރުސަތެއްގަ އެވެ.

އެ ގޯލަށް ފަހު ވެސް ބާސެލޯނާގެ ލުއިސް ސުއަރޭޒް އާއި ލިއޮނަލް މެސީ އަށް ވެސް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. އެ ނަތީޖާގައި އޮވެ މެޗު ނިމުނު އިރު ބާސެލޯނާ އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ތާވަލުގެ ދެވަނައިގަ އެވެ. އެއްވަނާގައި ހަ ޕޮއިންޓާ އެކު ގޯލުގެ ތަފާތުން އޮތީ ލަސް ޕަލްމަސް އެވެ. ހަމަ އެ އަދަދަށް ޕޮއިންޓް ލިބި ރެއާލް މެޑްރިޑް ތިން ވަނާގައި އޮތީ ވެސް ގޯލުގެ ތަފާތުންނެވެ.

ރޭގެ މެޗަށް ފަހު ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު ލުއިސް އެންރިކޭ ބުނީ މެޗަށް ނިކުއިން އިރު ވެސް އެތުލެޓިކޯ ބިލްބާއޯ އަކީ އުނދަގޫ ޓީމެއް ކަން ކުޅުންތެރިންނަށް ވިސްނަދީފައިވާނެ ކަމަށާއި ނަމަވެސް ތިން ޕޮއިންޓް ލިބުމުން ހިތްހަމަ ޖެހޭ ކަމަށެވެ.

"މެޗުގެ ކުރީ ކޮޅުގައި ކުޅުންތެރިންގެ ފަރާތުން ކޮންމެ ވެސް ވަރެއްގެ މިސްޓޭކް ތަކެއް ފެނުނު. ނަމަވެސް މުޅި މެޗަށް ބަލާއިރު ބާސެލޯނާ އިން ވަނީ ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައި،" އެންރިކާ ބުންޏެވެ.

ރޭގެ މެޗަކީ އެންރިކާގެ އިރުޝާދުގެ ދަށުން ބާސެލޯނާ އަށް ލިބުނު 100 ވަނަ މޮޅު ކަން ވެސް ފާހަގަކޮށްލެވެ އެވެ. އޭނާ އެ ރިކޯޑް ގާއިމް ކުރީ 126 މެޗުންނެވެ.

ލީގުގައި ބާސާ އަށް ދެން މެޗެއް އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ. އެއީ އަމިއްލަ ދަނޑުގައި ޑިޕޮޓިވޯ އަލަވެސްއާ ދެކޮޅަށް ކުޅޭ މެޗެވެ.