ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕް ހޯދައިދިން ޓީމާއި މިހާރުގެ ގައުމީ ފުޓްބޯޅަ ޓީމު، މިރޭ ކުޅޭ މެޗުގައި ގައުމީ ފުޓްބޯޅަ ދަނޑުގައި މީގެ ކުރިން ނުފެންނަ މަންޒަރެއް ދައްކުވައިދޭނެ ކަމަށް ކުޅުދުއްފުށީ ސަޕޯޓަރުން ބުނެފި އެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަހްމަދު ޠާރިގު ދައުވަތަށް ކުޅުދުއްފުށިން މިއަދު މާލެއަށް 230 ސަޕޯޓަރުން އައިސްފައިވާއިރު މާލޭގައި ދިރިއުޅޭ އެ ރަށު 150 ސަޕޯޓަރުންނާއެކު ޖުމުލަ 380 ކުޅުދުއްފުށީ ސަޕޯޓަރުން މިރޭ ދަނޑަށް ވަނުމަށް ވަނީ ނިންމާފަ އެވެ.

ކުޅުދުއްފުށީގެ ސަޕޯޓަރުން: -- ފޮޓޯ: އައިވެލް ޕޯޓްރެއިޓް

ކުޅުދުއްފުށީ ސަޕޯޓަރުންގެ ސްޓިއަރިން ކޮމިޓީގައި އެންމެ އިސްކޮށް މަސައްކަތް ކުރާ އަބްދުލްރަޝީދު ސައީދު (އަބްސީ) "ސަން"އަށް މައުލޫމާތުދެމުން ބުނީ، ސަޕޯޓު ކުރުމުގެ ގޮތުން މިރޭ މައިގަނޑު ގޮތެއްގައި ހިނގާނެ ހަރަކާތްތަކަކީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އައިސްލެންޑުން ބޭނުން ކުރި "ވައިކިން ކްލެޕް" އާއި ބެރުތަކުގެ ފޯރި ކަމަށެވެ.

"ގާތްގަނޑަކަށް 80 ވަރަކަށް ކުދިން ރިދަމް ހިފަހައްޓާނަން ސަޕޯޓްކުރުމުގެ، މެޗުގެ ސަޕޯޓަށް ހަލުވިވާނެ، ދަނޑުގުގުމާލާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ދެން،" އަބްސީ ބުންޏެވެ.

އޭނާ ބުނީ ކުޅުދުއްފުށީ ސަޕޯޓަރުން ބޮޑަށް ސަޕޯޓް ކުރާނީ ތަށި ނެގި ޓީމަށް ކަމަށާއި ނަމަވެސް ދެ ޓީމަށް ވެސް ސަޕޯޓް ކުރާނެ ކަމަށެވެ.

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ތަރުހީބު ދިނުމަށް ކުރަން ޖެހޭ ހުރިހާ ފަރިތަކުރުންތަކެއް ކުޅުދުއްފުށީގެ ސަޕޯޓަރުން ވަނީ ކޮށްފަ އެވެ. އެހެންކަމުން އެ ސަޕޯޓަރުންނަށް އިތުރަށް ކުރަން ޖެހޭ ފަރިތަކުރުމެއް ނެތެވެ. އެ އަތްތިލަބަޑި ޖަހަން ޖެހޭ ގޮތް ވެސް މިހާރު އެންމެ ރަނގަޅަށް އެނގޭނީ ކުޅުދުއްފުށީ ސަޕޯޓަރުންނަށެވެ.