ގާހިރާ (އޮގަސްޓް 29): މިސްރުގައި އަންހެން ކުދިން ހިތާނު ކުރުމަށް މަޖުބޫރުކޮށް، އެކަމުގައި ބައިވެރިވާ މީހުންނަށްދޭ އަދަބު ބޮޑު ކުރުމަށް އެ ގައުމުގެ ކެބިނެޓުން ފާސްކޮށްފި އެވެ.

އަންހެން ކުދިން ހިތާނު ކުރުމަށް މަޖުބޫރު ކުރާ މީހުންނަށް މީގެ ކުރިން މިސްރުގައި ދެނީ ތިިން މަހާއި ތިން އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ.

މިސްރުގެ ކެބިނެޓުން އިއްޔެ ފާސްކޮށްފައި ވަނީ ޖަލު ހުކުމް ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް އިތުރު ކުރުމަށެވެ. އަދި ހިތާނު ކުރުމުގެ ސަބަބުން ކުއްޖާ އަށް އަނިޔާ ލިބިއްޖެ ނަމަ ނުވަތަ މަރުވެއްޖެ ނަމަ ހުކުމް އިތުރު ކުރުމަށެވެ.

އަންހެން ކުދިން ހިތާނު ކުރުން މިސްރުން 2008 ވަނަ އަހަރު މަނާ ކުރި ނަމަވެސް އެ ގައުމުގައި އަދި ވެސް އެކަން އާއްމުކޮށް ކުރެ އެވެ. އަދި މިދިޔަ މޭ މަހު އަންހެންކުއްޖަކު ވަނީ ހިތާނު ކުރުމުގެ ތެރޭގައި ދިމާވި މައްސަލަތަކެއްގެ ސަބަބުން މަރުވެފަ އެވެ. (ބީބީސީ)