ބޭރު ގައުމުތަކުން ރާއްޖެ އަންނަ ބިދޭސީން އެ ގައުމެއްގައި ހުންނަ ދިވެހި ރާއްޖޭގެ ހައިކޮމިޝަނެއްގެ ހުއްދައާ އެކު އަންނަ އުސޫލް ހަމަޖެއްސުމުގެ މަސައްކަތް އިމިގުރޭޝަން އިން ފަށައިފި އެވެ.

ނުގަވައިދުން ބިދޭސީން ރާއްޖެ ގެނައުމާއި ރާއްޖެ ގެންނަ ބިދޭސީންނަށް އޮޅުވާލަމުންދާތީ އެކަން ހައްލު ކުރުމަށް އަޅާ ފިޔަވަޅާ ގުޅޭ ގޮތުން ސަން އަށް މައުލޫމާތު ދެއްވަމުން އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިޝަލު ހަސަން ހަލީލް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ރާއްޖެ އަންނަ ބިދޭސީން ރާއްޖެ އައުމުގެ ކުރިން އެ ގައުމެއްގައި ހުންނަ ހައިކޮމިޝަނެއްގައި ރަޖިސްޓްރީ ވާންޖެހޭނެ ކަމަށާއި އެ ބިދޭސީއެއް ރާއްޖެ އައުމަށް ހުއްދަދޭނީ އޭނާގެ ވަނަ ވަރު ބެލުމަށް ފަހު ކަމަށް ވިދާޅުވި އެވެ.

އޭރުން އެބިދޭސީއަކަށް ވެސް އޭނާ ރާއްޖެ އައުމުން ލިބޭނެ މުސާރަ އާއި ހަމަޖެހިފައިވާ ކަންކަން އެނިގެންދާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި ހައިކޮމިޝަނުގައި ރަޖިސްޓްރީ ނުވެ އަންނަ ބިދޭސީންނަށް ރާއްޖެ އެތެރެވުމުގެ ހުއްދަ ނުދޭނެ ކަމަށެވެ.

ބަނގުލަދޭސް އިން އަންނަ ބިދޭސީންނަށް އެ އުސޫލަށް އަމަލު ކުރުން ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ އިރު ކައިރި މުސްތަގުބަލެއްގައި އަވައްޓަރި އެހެން ގައުމުތަކަށް ވެސް އެ އުސޫލް ހަމަޖައްސާނެ ކަމަށް ހަލީލް ވިދާޅުވި އެވެ.

ރާއްޖޭގައި ނުގަވައިދުން އުޅޭ ބިދޭސީން އެތެރެކުރަނީ ރާއްޖޭގައި އުޅޭ އެގައުމަށް ނިސްބަތްވާ އެޖެންޓުންނެވެ. އެމީހުން ކަންކުރާގޮތަކީ މީހާގެ ފެންވަރަށް ވަނަވަރަށް ނުބަލައި ފައިސާދޭ ކޮންމެ މީހަކު ގެންނަނީ އެވެ.