28 Aug 2016, 23:59
ލިބުނު ޖިންސީ އަނިޔާތަކަކާ ގުޅިގެން ފަރުވާ ހޯދަމުން ދަނިކޮށް މަރުވި، ގދ. ތިނަދޫ ތޭންކު ޒިޔާދާ ނައީމް ރޭޕް ކުރި ކަމަށް ބުނެ އޭނާގެ ފިރިމީހާ ގދ. ތިނަދޫ ޖަވާހިރުމާގޭ ދެކުނު، އިބްރާހީމް ޝާހުގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފިއެވެ.
މިއީ މިފަދަ ދައުވާއެއް ދައުލަތުން އުފުލި ފުރަތަމަ ފަހަރެވެ.
"ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ދައުވާ" ޝާހުގެ މައްޗަށް އުފުލާފައި ވަނީ ޖިންސީ ކުށުގެ ގާނޫނުގެ 20 ވަނަ މާއްދާގެ ނަންބަރެއްގެ ދަށުންނެވެ. ނަމަވެސް އެއީ ކޮން މާއްދާއެއް ކަމެއް ނޭނގެއެވެ.
އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދާމާ 2:00 އަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލް ކޮށްފައެވެ.
ޖިންސީ ކުށުގެ ގާނޫނުގެ 20 ވަނަ މާއްދާ
20 ވަނަ މާއްދާގެ (ހ) މި ގާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންވެގެންވާ ރޭޕްކުރުމުގެ ކުށަކީ، ދެމަފިރިންގެ ދެމެދުގައި ކުރެވޭ ކުށެއް ކަމަށް އާންމު އުސޫލުން މި ގާނޫނު ނުބެލިކަމުގައި ވީނަމަވެސް އަންނަނިވި އިސްތިސްނާ ހާލަތްތަކުގައި އަނބިމިހާގެ ރުހުމާ ނުލައި، އޭނާގެ ފިރިމީހާ އޭނައާ އެކު ޖިމާޢުވުމަކީ، އަނބިމީހާ ރޭޕްކުރީ ކަމުގައި ބެލެވޭނެއެވެ.
ދެމީހުންގެ ދެމެދުގައި އޮތް ކާވެނި، ޝަރީއަތް މެދުވެރިކޮށް ރޫޅާލުމުގެ ނުވަތަ ތަފްރީގު ކުރުމުގެ މަރުހަލާއެއް ޝަރީއަތުގައި ހިނގަމުން ދިޔުމާއި، އެ މައްސަލަ އޮތީ ޝަރީއަތުގެ އަޑުއެހުންތައް ނިމި ހުކުމެއް އިއްވުމާ ހަމައިގައި ކަމުގައިވުން. ނުވަތަ
- އަނބިމީހާ ވަރިކުރުމަށް އެދި ފިރިމީހާ، ނުވަތަ ފިރިމީހާގެ ކިބައިން ވަރިވުމަށް އެދި އަނބިމީހާ ހުށަހަޅާފައިވާ މައްސަލައެއް ޝަރީއަތުގައި ހިނގަމުން ދިޔުމާއި، އެ މައްސަލަ އޮތީ ޝަރީއަތުގެ އަޑުއެހުންތައް ނިމި ހުކުމެއް އިއްވުމާ ހަމައިގައި ކަމުގައިވުން. ނުވަތަ
- ގައިން ގަޔަށް އަރާ ނުރައްކާތެރި ޖިންސީ ބައްޔެއް ފިރިމީހާ ގައި ހުރިކަން އެނގިހުރެ، އަނބިމީހާ އަށް އެބަލި ވާސިލުކުރުމުގެ ބޭނުމުގައި، އޭނައާ ޖިމާޢުވުން. ނުވަތަ
- ދެމަފިރިން ވަރިނުވި ކަމުގައި ވީނަމަވެސް، ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމެއްގެ ދަށުން، މަސްލަހަތައްޓަކައި ވަކިން ދިރިއުޅެމުންދާ ދެ މީހުން ކަމުގައިވުން.
އެ މާއްދާގެ (ށ) ގައި ބުނެފައި ވަނީ އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ ބޭނުމަށްޓަކައި ތިން ހާލަތެއްގައި އަނބިމީހާގެ ރުހުން އޮތްކަމުގައި ނުބެލެވޭނެ ކަމަށެވެ.
މަރާލާނެ ކަމުގެ ބިރުދައްކައިގެން، ނުވަތަ އަނިޔާކޮށްގެން ނުވަތަ އަނިޔާ ކުރާނެ ކަމުގެ ބިރުދައްކައިގެން، ނުވަތަ އޭނައާ ތިމާގެކަމުގެ ގޮތުން ނުވަތަ ކާވެނީގެ ގޮތުން ގުޅުން އޮތް މީހަކު މަރާލާނެ ކަމުގެ ބިރުދައްކައިގެން ނުވަތަ އެމީހަކަށް އަނިޔާކުރާނެ ކަމުގެ ބިރުދައްކައިގެން ހޯދާފައިވާ ރުހުމަކަށްވުން. ނުވަތަ
- ނުރަނގަޅު ހަގީގަތެއްގެ މައްޗަށް ބިނާކޮށް އޭނާއަށް ހަގީގަތް އޮޅުވާލައިގެން ހޯދާފައިވާ ރުހުމަކަށްވުން. ނުވަތަ
- އެކުރެވެނީ ކޮންކަމެއްކަން އޭނާއަށް އޮޅުވާލައިގެން ހޯދާފައިވާ ރުހުމަކަށްވުން.
ޖިންސީ ކުށުގެ ގާނޫނުގައި ބުނާގޮތުން "ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ" ކުށެއް ކުރީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ކަމުގައިވާނަމަ އަދަބަކީ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުން ކަމަށެވެ. އަދި އެކުށްކުރީ އެ ނޫންގޮތެއްގައި ކަމުގައިވާނަމަ އަދަބަކީ އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ.
އެ ދައުވާގެ އިތުރުން ޝާހުގެ މައްޗަށް ދެން އުފުލާފައި ވަނީ މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެދިޔުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާއެވެ.
މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 111 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. އެ ކުށަށް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެވެ.
މީހަކު މަރުވެދިޔުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 112 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. އެ ދައުވާއަށް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކީ ހަ އަހަރެވެ.
އެ ހުރިހާ ދައުވާތައް ސާބިތުވެއްޖެނަމަ 10 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް ޝާހު އަށް އަންނާނެއެވެ.
އައިޖީއެމްއެޗުގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ހޯދަމުން ދަނިކޮށް ހާލަތު އިތުރަށް ގޯސްވެގެން ޒިޔާދާ މަރުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ޝަތީހު ވިދާޅުވެފައި ޑޮކްޓަރުގެ ފަރާތުން ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި ޝާހު ޒިޔާދާއަށް ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާކޮށްފައި ވަނީ ދެމަފިރިން ވަކިން ދިރިއުޅެނިކޮށް ކަމަށެވެ.
"ޑޮކްޓަރުންގެ ފަރާތުން ލިބުނު މައުލޫމާތުން އެނގިފައި ވަނީ، ޒިޔާދާ ނައިމާ މެދުގައި ޒިޔާދާ ނައީމުގެ ފިރިމީހާ ގދ. ތިނަދޫ ޖަވާހިރުމާގޭ ދެކުނު، އިބްރާހީމް ޝާހު ގަދަކަމުން ޖިންސީ އަނިޔާކޮށްފައިވާ ކަމަށް ޒިޔާދާ ނައީމް ޑޮކްޓަރުންގާތު ބުނެފައިވާކަމަށް،" ޝަތީހު ވިދާޅުވިއެވެ.
"ތަހުގީގަށް ލިބުނު މައުލޫމާތަށް ބަލާ އިރު ޒިޔާދާ ނައިމާ މެދު އިބްރާހީމް ޝާހު ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާކޮށްފައިވާ ކަމާއި އަދި މިއަމަލު ހިންގާފައި ވަނީ ވަކިން އުޅެނިކޮށް،"
ޝަތީހު ވިދާޅުވީ އެ ހާދިސާއަށް ފަހު ޒިޔާދާގެ ސިއްހީ ހާލަތު ދަށަށް ދިޔަ ކަމަށެވެ. އެކަމާ ގުޅިގެން ދެ ފަހަރެއްގެ މަތިން ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރަށް ޒިޔާދާ ދައްކާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސިއްހީ ހާލަތު ގޯސްވެގެން ޒިޔާދާ އޭނާގެ ބައްޕަގެ އާއިލާގެ އެހީތެރިކަމާ އެކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު މާލެ އައިކަމަށާއި އެންމެ ފުރަތަމަ ޒިޔާދާ ދެއްކީ ޑރ. ޔަގާނެގީ ކްލިނިކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަތީހު ވިދާޅުވީ، ޒިޔާދާ ދެއްކި ވާހަކަތަކަށާއި އޭނާގެ ސިއްހީ ހާލަތު ހުރިގޮތަށް ބެލުމަށް ފަހު ޑޮކްޓަރު ޔަގާނެގީ އައިޖީއެމްއެޗަށް އޭނާ ގެންދިޔަ ކަމަށެވެ. އަދި އައިޖީއެމްއެޗުން ޒިޔާދާ ބެލުމަށް ފަހު ފުލުހުންގެ ފެމެލީ އެންޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް އެ މައްސަލަ ހުށަހެޅި ކަމަށާއި އެވަގުތުން ފެށިގެން ފުލުހުންގެ ޓީމެއް އައިޖީއެމްއެޗަށް ގޮސް ތަހުގީގު ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝަތީހު ވިދާޅުވީ، މިހާތަނަށް ލިބިފައި ވަނީ ޒިޔާދާގެ ޕޯސްޓު މޯޓަމް ވަގުތީ ރިޕޯޓު ކަމަށެވެ. އެ ރިޕޯޓުގައިވާ ގޮތުން ޒިޔާދާގެ އުޅަނބޮށީގެ 10 ސެންޓު މީޓަރު މަތިން ކަނާތުގެ ކުރިމަތީގައި ދެ ސެންޓިމީޓަރު މަތިން ލޭ ގަނޑުވެފައި ހުރި ކަމަށް ފާހަގަ ކުރެވުނު ކަމަށެވެ. އޭގެ އިތުރުން ވާތުގެ ކުޑަހުޅުން ތިން ސެންޓުމީޓަރަށް ލޭ ގަނޑުވެފައި ހުރި އިރު ބޮލުގެ ހަންގަނޑުގައި ލޭ ގަނޑުވެފައި ހުރި ތަނެއް ހުރި ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.