28 Aug 2016, 21:06
މާލެއިން ފުރައިގެން ކ. ހިންމަފުއްޓަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ، "ސައުތު 5" ނަމަކަށް ކިޔާ އެ ދޯންޏަކީ 48 ފޫޓުގެ މުދާ އުފުލާ ދޯންޏެއް ކަމަށެވެ. އަދި ދޯނި ދިޔަވާތީ އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.
މިރޭ ގާތްގަނޑަކަށް 20:00 ހާއިރު މި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓް 104، ދިޔަ ހިއްކާ އާލާތްތަކާއެކު އެސަރަހައްދަށް ގޮސް އެ ދޯނީގެ ދިޔަ ހިއްކުމުގެ މަސައްކަތުގައި ހަރަކާތްތެރިވާން ފެށީކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ހާދިސާ ހިނގާފައިވަނީ ކ. ގާގަނޑުކައިރިން ދަތުރުކުރަމުންދަނިކޮށް މިރޭ އައި ކޮޅިގަނޑެއްގައި ވައިގަދަވެ ކަނޑުގަދަވުމުގެ ސަބަބުން ކަމަށްވެސް ކޯސްޓްގާޑުން މައުލޫމާތު ދެއެވެ. އަދި ހާދިސާ ހިނގި އިރު ދޯނީގައި ތިބީ ދިވެއްސަކާއި ދެ ބިދޭސީން ކަމަށާއި އޭގެތެރޭން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފުން ބުނީ، މިހާދިސާގައި ދޯނީގައި ބޮޑުވެފައިވާ ދިޔަގަނޑު ޕަމްޕު ބޭނުންކޮށްގެން ހިއްކައިދީ، ދޯނި ހުޅުމާލެ ފަޅަށް ވެއްދުމުގެ މަސައްކަތުގައި ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށެވެ.