28 Aug 2016, 19:49
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު 2018 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕޭނުގެ ތެރެއިން މިދިޔަ ހުކުރު ދުވަހުގެރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާ ދައުލަތުގެ މީޑިއާއިން ލައިވްކުރި މައްސަލަ އެމްޑީޕީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.
އެމްޑީޕީން ބުނީ އެ ޕާޓީން އެ މައްސަލަ އޭސީސީއަށް ހުށަހެޅީ މިއަދު ކަމަށެވެ.
"ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ ދައުލަތުގެ މީޑިއާއިން ހަމަހަމަކަމާއެކު ހުރިހާ ފަރާތްތަކަށް ފުރުޞަތު ނުދީ ވަކި ޕާޓީއެއްގެ ޙަރަކާތްތައް ލައިވްކޮށް ފޮނުވުމަކީ ދައުލަތުގެ މީޑިއާ ނަހަމަގޮތުގައި ހިފައި ދައުލަތުގެ މީޑިއާއެއް އުފެއްދުމުގެ މަޤްޞަދު ގެއްލިގެންދާކަމެއްކަން ފާހަގަކޮށް އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ." އެމްޑީޕީގެ ވެބްސައިޓްގައި އާންމުކޮށްފައިވެއެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ވަނީ އެމައްސަލައިގައި އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ވެސް ފޮނުވައިފައެވެ. އެސިޓީގައި ބުނެފައިވަނީ ދައުލަތުގެ އެއްވެސް ބިމެއް ނުވަތަ މުދަލެއް ނުވަތަ ވަސީލަތެއް ހަމައެކަނި އެއް ޕާޓީއެއްގެ ބައްދަލުވުންތަކަށް ނުވަތަ ހަރަކާތްތަކަށް ބޭނުންކޮށްގެން ނުވާނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ.
ޕީޕީއެމުން މުލިއާގެއާއި ދައުލަތުގެ މީޑިއާ (ޕީއެސްއެމް) ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ބޭނުންކުރަމުންދާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނަށް ފޮނުވި ސިޓީގައި އެމައްސަލަ ބަލައި ދިނުމަށް އެމްޑީޕީން ވަނީ އެދިފައެވެ.
އެމްޑީޕީގެ އެ ކަންބޮޑުވުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވަނީ ރައްދު ދެއްވައިފައެވެ. ނިހާން ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީގެ ވެރިކަމުގައި އެމްއެންބީސީ ހަދައިގެން ރައީސް ނަޝީދު އިސްތިއުފާ ދިނުމާ ހަމައަށް ޓީވީއެމުން 24 ގަޑިއިރު އެމްޑީޕީ ހަރުގެ ލައިވް ކުރުން "އޯކޭ" ތޯ ސުވާލު އުފައްދަވައިފައެވެ.
މީގެ ކުރިން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޓީވީއެމް އުވާލައި އެމްއެންބީސީގެ ނަމުގައި އެކުންފުނި ހިންގި އިރު ވެރިކަން ކުރި އެމްޑީޕީގެ ބައެއް ހަރަކާތްތަށް އެ ޓީވީން ލައިވް ކުރާތީ ގިނަ ބަޔަކު ފާޑު ކިޔެއެވެ. އޭރު އިދިކޮޅު ފަރާތްތަކުން ފާޑުކީ ނަމަވެސް އެކަމަށް އޭރުއޮތް އެމްޑީޕީގެ ސަރުކާރުން ވެސް މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ.