ރާއްޖެއަށް އެތެރެކުރާ އެއްގަމު އުޅަނދު ތަކުގެ ތެރެއިން ކަރަންޓާއި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ވެހިކަލްތަކުން ނަގާ އިމްޕޯޓް ޑިއުޓީ މާފުކޮށް ދެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވަފައިފި އެވެ.

ރައީސް އޮފީހުން ބުނީ ކެބިނެޓުން އެގޮތަށް ނިންމެވީ، ރާއްޖެއަށް އެތެރެކުރެވޭ ތިމާވެށްޓާ ރައްޓެހި ބައެއް ބާވަތްތަކުން ނަގާ ޑިއުޓީން ބައެއް ނުވަތަ ޑިއުޓީ އެކީ މާފުކުރުމާ ބެހޭގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުށަހެޅި ކަރުދާހެއްގެ މައްޗަށް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.

"ތިމާވެށްޓާ ރައްޓެހި ކަނޑުމަތީ އުޅަނދުފަހަރު އުފެއްދުމަށް ހިތްވަރުދެއްވައި، މަގުފަހިކޮށްދެއްވުމަށްޓަކައި، ކަނޑުމަތީގެ އުޅަނދުފަހަރުގައި ބޭނުންކުރުމަށް އެތެރެކުރެވޭ ސޯލާ ޕެނަލްއާއި، ސޯލާ ޕެނަލްއާއެކު ބޭނުންކުރާ ބެޓްރީގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ މާފުކޮށް ދެއްވުމަށާއި، ކަނޑުގައި ދުއްވާ ރިޔާނަގާ އުޅަނދުފަހަރުގައި ރިޔާ ނެގުމަށް ބޭނުންކުރާ ތަކެތީން ނަގާ އިމްޕޯޓް ޑިއުޓީ މާފުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ނިންމެވިއެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައިވެ އެވެ.

އަދި އެތަކެތިން ޑިއުޓީ މާފުކޮށްދޭނީ "ނޭޝަނަލް އެންވަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއިން ކަނޑައަޅުއްވާ މިންގަނޑުތަކާއި، އުސޫލުތަކެއްގެ މަތީން ދޫކުރައްވާ ލިއުމެއްގެ މައްޗަށް ބިނާކުރައްވައި" ކަމަށް ވަޒީރުންގެ މަޖިލީހުން ކަނޑައަޅުއްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

މީގެއިތުރުން، އިއާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފައްދާ ފަރާތްތަކުން ޔޫޓިލިޓީ ކުންފުނިތަކަށް ވިއްކާ ކޮންމެ ކަރަންޓް ޔުނިޓަކަށް 50 ލާރީގެ ސަބްސިޑީއެއް ސަރުކާރުން ދިނުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވި އެވެ. މަޖިލީހުން މިގޮތަށް ނިންމެވީ، ރާއްޖޭގައި "ފީޑް އިން ޓެރިފް" ނުވަތަ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓް، ގާއިމްކުރެވިފައިވާ ކަރަންޓްގެ ވިޔުގައަށް ކަނޑައެޅޭ ވަކި އަގެއްގައި ފޯރުކޮށްދިނުމުގެ ނިޒާމެއް ގާއިމް ކުރުމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޝްވަރާކުރެއްވުމަށް ފަހު ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރާއްޖޭގައި އިއާދަކުރަނިވި ހަކަތަބޭނުންކޮށްގެން ކަރަންޓް އުފައްދާ ފަރާތްތަކުން ވިއްކާ ކަރަންޓް ޔުނިޓެއް ޔޫޓިލިޓީ ކުންފުނިތަކުން ގަންނަ އަގަކީ 3.50ރ. ކަމަށް ކަނޑައަޅައި، އޭގެތެރެއިން 50 ލާރި، ސަބްސިޑީގެ ގޮތުގައި، ސަރުކާރުން ޔޫޓިލިޓީ ކުންފުންޏަށް ދިނުމަށް ވަޒީރުންގެ މަޖިލީހުން ކަނޑައެޅުއްވި ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ވަޒީރުންގެ މަޖިލީހުން މިގޮތަށް ކަނޑައެޅުއްވީ، ރާއްޖެއިން ކަނޑައަޅާފައިވާ ކާރބަން ނިއުޓްރަލް ލަނޑުދަނޑި ހާސިލް ކުރުމަށް މަގުފަހި ކުރުމަށާއި، ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށާއި، ތެލަށް ކުރާ ހަރަދު ކުޑަކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓް، ވިޔަފާރީގެ އުސޫލުން އުފެއްދުމަށް އަމިއްލަ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ ގޮތުންނާއި، އެކްސްޕޯޓް އިތުރުކޮށް، އިމްޕޯޓް ސަބްސިޓިޓިއުޓް ކުރެވެން ހުރި ދާއިރާތަކުން، އުފެއްދުންތައް އިތުރުކުރުމަށްޓަކައި ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ރާއްޖޭގައި ޕޯލްޓްރީގެ އުފެއްދުންތައް ފުޅާ ކުރުމަށް އިމްޕޯޓްކުރާ ތަކެތިން ޑިއުޓީ މާފުކުރެއްވުމަށް ނިންމެވި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

މީގެއިތުރުން، ބައިނަލްއަގުވާމީ އެހީދޭ ފަރާތްތަކުގެ އެހީގައި، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ޑީޓޮކްސް ސެންޓަރަކާއި، ހާފްވޭ ހައުސްއަކާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުން އަނބުރާ މުޖްތަމައަށް ގެނައުމަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުމަށް، ހުޅުމާލެއިން 15،000 އަކަފޫޓްގެ ބިމެއް ހޯދައި އެބިމުގައި އިމާރާތްކުރުމަށް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ނިންމެވި އެވެ.