19:00


މި ސަރުކާރުން ބޭނުންވަނީ، ގެންދެވެން އޮތް އެންމެ މަތީ ފެންވަރަކަށް ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ގެންދަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރާއި، އ.ދ. އާ ގުޅިގެން ހޮލިޑޭއިން ހޮޓަލުގައި މިއަދު މެންދުރުފަހު ބޭއްވި ޙަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވެރިކަމެއް ބަދަލުވެގެން އަންނަ ފުރަތަމަ ހަތަރުވަރަކަށް މަހުގެ ތެރޭގައި ގިނަ ފަހަރަށް ވާގޮތަކީ، އާ ސަރުކާރުގެ ބާރު ފޯރުވުމަށްޓަކައި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅެނީ ކަމަށް ވިދާޅުވެ، އެހެންނަމަވެސް މި ސަރުކާރުން އެފަދަ ޢަމަލެއް ނުހިންގާ ފުރަތަމަ ހަތަރުވަރަކަށް މަސް ވޭތުކޮށްފައިވާކަމީ އެމަނިކުފާނު ވަރަށް އުފާފުޅުކުރައްވާ ކަމެއް ކަމުގައި ވިދާޅުވި އެވެ.


މި މޭރުމުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، މި ސަރުކާރުން އެއްވެސް ނޫސްވެރިޔަކު އަދި ހައްޔަރުކޮށްފައި ނުވާނެ ކަމަށާއި، މިފަދަކަމެއް ކުރެއްވުމަށް މުސްތަޤްބަލުގައިވެސް ގަސްދު ނުކުރައްވާނެ ކަމުގައި ވިދާޅުވި އެވެ. އަދި، މި ސަރުކާރުން ވެރިކަމާ ހަވާލުވެގެން އެންމެ ފުރަތަމަ ކުރި އެއްކަމަކީ، އޭރު ނުކުންނަމުންދިޔަ ސަރުކާރާ އެއްކޮޅު ނޫސް ކަމުގައިވާ "މިނިވަން ޑެއިލީ" ހުއްޓާލުން ކަމަށާއި، އެކަން އެހެން ކުރުމުން، ސަރުކާރުގެ ޚިޔާލާއި ފިކުރު ރައްޔިތުންނާ ހަމައަށް ގެނެސްދޭނެ ޚަބަރުފަތުރާ ވަސީލަތެއް ނެތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އެހެންނަމަވެސް، އެކަމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށާއި، ޑިމޮކްރަސީއަށްޓަކައި ކޮންމެހެން ކުރައްވަން ޖެހިވަޑައިގެންނެވި ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


އެ ރަސްމިއްޔާތުގައި "އަހަރުގެ ދިވެހި ނޫސްވެރިޔާ" ގެ އިނާމުވެސް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވި އެވެ. އެ އިނާމުގެ ތަޢާރަފް ދެއްވަމުން، މިނިސްޓަރ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރ ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދު ވިދާޅުވީ، އެ އިނާމު ތަޚްޞީޞް ކުރެވެނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ މައްޗަށް ކަމަށާއި، އަދި އެ އިނާމަކީ، އަމިއްލަ ނޫސްވެރިންގެ ތެރެއިން ފަނޑިޔާރުން އިންޞާފު ކުރައްވައިގެން ހޮއްވަވާ ނޫސްވެރިއަކަށް އަންނަ އަހަރުން ފެށިގެން ދެއްވާ އިނާމެއް ކަމުގައި ޑރ. ސަވާދު ވިދާޅުވި އެވެ.