އިންޑިއާގެ ލަވްލީ ޕްރޮފެޝަނަލް ޔުނިވާސިޓީން ފުލުހުންނަށް ދިން ސްކޮލާޝިޕް ފުރުސަތުތަކެއްގައި މަތީ ތައުލީމު ހާސިލް ކުރުމަށް ދިހަ ފުލުހަކު މި މަހުގެ 19 އަދި 26ވަނަ ދުވަހު އިންޑިއާއަށް ފުރައިފި އެވެ.

ލަވްލީ ޕްރޮފެޝަނަލް ޔުނިވާސިޓީން ދިން ސްކޮލާޝިޕްތަކުގެ ތެރޭގައި ހިމެނެނީ އެމާސްޓާސް ޑިގްރީގެ ކޯހަކާއި ނުވަ ޑިގްރީ ކޯހެކެވެ. އެ ޔުނިވާސިޓީން ދިން ސްކޮލަޝިޕްތަކުގެ ތެރެއިން ދެ ކޯހެއްގެ ޓިއުޝަން ފީ އާއި އަށް ކޯހެއްގެ 50 ޕަސެންޓު ޓިއުޝަން ފީ އެ ޔުނިވާސިޓީން ދިނުމަށް ހަމަޖެހިފައިވެ އެވެ. އެ ޔުނިވާސިޓީން ވަނީ ފޮރެންސިކް ސައިންސާ ގުޅުން ހުރި ދެ ކޯހުގެ 100 ޕަސެންޓު ޓިއުޝަން ފީ ހަމަޖައްސައިދީފަ އެވެ.

ފުލުހުން ބުނީ އެ ސްކޮލަޝިޕްތަކަށް މުވައްޒަފުން ހޮވާފައި ވަނީ ކޯސްތަކަށް ޝައުގުވެރިވާ މުވައްޒަފުން ހޯދުމަށް އިއުލާން ކުރުމަށްފަހު ކޯހަށް ކުރިމަތިލާފައިވާ މުވައްޒަފުންގެ ތެރެއިން އެންމެ މަތީ މާކްސް ލިބުނު މުވައްޒަފުންނަށް ކަމަށެވެ. އަދި އެ ސްކޮލަޝިޕްތަކަށް ހޮވިފައިވާ މުވައްޒަފުންނަށް ފުލުހުންގެ ފަރާތުން އިންޑިޔާއަށް ދިޔުމަށް ދެކޮޅު ޓިކެޓާއި އެ މުވައްޒަފެއްގެ ރޭންކަށް ކަނޑައެޅިފައިވާ މުސާރަ އާއި އެލަވަންސްތައް ހަމަޖައްސައިދީފައިވާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ލަވްލީ ޕްރޮފެޝަނަލް ޔުނިވާސިޓީން ފުލުހުންނަށް ދީފައިވާ ސްކޮލާޝިޕްގެ ތެރޭގައި ހިމެނޭ ޑިގްރީ ކޯސް ތަކަކީ، އިލެކްޓްރިކަލް އިންޖިނިއަރިން، އޮޓޯމޯބައިލް އިންޖިނިއަރިން، ކޮމްޕިއުޓާ ސައިންސް، ފޮރެންސިކް ސައިންސް، ސިވިލް އިންޖިނިއަރިން، ޖާނަލިޒަމް އެންޑް މާސް ކޮމިއުނިކޭޝަން، ކޮމްޕިއުޓާ އެޕްލިކޭޝަން، ހެލްތު އެޑިއުކޭޝަން އެންޑް ސްޕޯޓްސްގެ އިތުރުން ބައޯޓެކްނޮލޮޖީ އެވެ. އެ ޔުނިވާސިޓީން ދިން މާސްޓާސް ފެންވަރުގެ ކޯހަކީ މާސްޓަރ އޮފް ފޮރެންސިކް ސައިންސް އެވެ.

ފުލުހުން ބުނީ އެ ފުރުސަތަކީ ފުލުހުން ތައުލީމީ އަދި ގާބިލް ބަޔަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލިބުނު ފުރުސަތު ތަކެއް ކަމުގަ އެވެ.