28 Aug 2016, 14:59
އިނގިރޭސި ޕްރިމިއާ ލީގުގެ ރަން ބޫޓު ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑްގެ ޒްލަޓަން އިބްރަހިމޮވިޗްއާ ވާދަކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ވާދަވެރި މެންޗެސްޓާ ސިޓީގެ އާޖެންޓީނާ ފޯވަޑް ސާޖިއޯ އަގުއެރޯ ބުނެފި އެވެ.
ޔުނައިޓެޑުގައި ހޭދަކުރަމުންދާ ފުރަތަމަ ސީޒަނުގައި އިބްރަހިމޮވިޗްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދެ އެވެ. ޕްރިމިއާ ލީގުގައި ޔުނައިޓެޑަށް އިބްރަހިމޮވިޗް މިހާތަނަށް ވަނީ ތިން ލަނޑު ކާމިޔާބުކޮށްފަ އެވެ. ޔުނައިޓެޑު ކުޅުނު ފުރަތަމަ ދެ މެޗުގައި އިބްރަހިމޮވިޗް ލަނޑު ޖަހާފައިވީ ނަމަވެސް، ހަލް ސިޓީއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި އޭނާ އަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.
ލީގުގައި އަގުއެރޯ ވެސް ރަނގަޅު ކުޅުމެއް ދައްކަމުންދެ އެވެ. ލީގުގައި ސަންޑަލޭންޑާ ދެކޮޅަށް ސިޓީ ކުޅުނު މެޗުގައި އަގުއެރޯ ލަނޑެއް ކާމިޔާބުކުރި އިރު، މިދިޔަ ހަފްތާގައި ސްޓޯކް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ ފަރާތުން ދެ ލަނޑު ފެނިގެންދިޔަ އެވެ.
"އަހަރެންނާއި އިބްރަހިމޮވިޗް ސީޒަން ފެށީ ރަނގަޅު ކުޅުމަކާ އެކު. އަހަރެމެން ދެ މީހުންނަށް ވެސް ލަނޑުތަކެއް ކާމިޔާބު ކުރެވިއްޖެ. އެކަމަކު އަހަރެން އޭނާ އަށް ވާދަކުރާކަށް ނޫޅެން. އަހަރެން މަސައްކަތްކުރަނީ މިދިޔަ ސީޒަނަށްވުރެ ރަނގަޅު ކުރަން. އަހަރެންގެ އަޒުމަކީ މިދިޔަ ސީޒަނަށްވުރެ މި އަހަރުގެ ކުޅުން ރަނގަޅު ކުރުން،" ސިޓީގެ އާޖެންޓީނާ ފޯވަޑް އަގުއެރޯ ބުންޏެވެ.
އަގުއެރޯ ބުނީ، މި އަހަރު މެންޗެސްޓާ ސިޓީއާ އެކު ޓްރޮފީތަކެއް ހޯދަން ބޭނުންވާ ކަމަށާއި އޭނާގެ އެންމެ މުހިންމު އަޒުމަކީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކުން ކަމަށެވެ.
"ޔުނައިޓެޑުން ވެސް އެ ޓީމުގެ ސްކޮޑު ވަރަށް ވަރުގަދަކޮށްފި. އެކަމަކު ލީގު ފެށޭތަނުން އެއްވެސް ކަމެއް ނޭނގޭނެ. ލީގު ހޯދުމާ ގާތުގައި އޮންނަ ޓީމެއް އެނގެން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަސް ތެރޭގައި،" އޭނާ ބުންޏެވެ.