މެނީލާ (އޮގަސްޓް 28): އިސްލާމިކް ސްޓޭޓް (އައިއެސް)އަށް ވާގިވެރިވާ ޖަމާއަތަކުން ފިލިޕީންސުގެ ޖަލަކަށް ވަދެ އެ ޖަމާއަތަށް ނިސްބަތްވާ އަށް ހަނގުރާމަވެރިންނާއި އިތުރު 15 ގައިދީން މިނިވަންކޮށްފި ކަމަށް ސަރުކާރު އޮފިޝަލުން ބުނެފި އެވެ.

ފުލުހުން ބުނި ގޮތުގައި ހޮނިހިރު ދުވަހުގެ ހަވީރު ފިލިޕީންސުގެ މަރާވީ ސިޓީގެ ޖަލަކަށް ވަދެ، އެ ޖަލުގެ ގައިދީންތަކެއް މިނިވަންކޮށްފައި ވަނީ މައޫތޭ ކިޔާ ހަނގުރާމަވެރި ޖަމާއަތަކަށް ނިސްބަތްވާ ބައެކެވެ. އެމީހުން ޖަލުގެ އެތެރެއަށް ވަނީ ޖަލުގެ ގާޑުންގެ އަތުގައި ހުރި ހަތިޔާރު އަތުލުމަށް ފަހު ކަމަށް ފުލުހުން ބުންޏެވެ.

އެމީހުން މިނިވަންކޮށްފައިވާ އަށް ހަނގުރާމަވެރިންނަކީ މީގެ ހަފްތާއެއް ކުރިން ބޮމެއް ހިފައިގެން އުޅެނިކޮށް ހައްޔަރު ކުރި މީހުން ކަމަށް ފުލުހުން ބުންޏެވެ. ބާކީ 15 މީހުންނަކީ މަސްތުވާތަކެތި ގެންގުޅުމާއި މީހުން މެރުމުގެ ދައުވާގައި ހައްޔަރުކޮށްފައިވާ މީހުން ކަމަށް ފުލުހުން ބުންޏެވެ.

ފިލިޕީންސްގައި އަލަށް އުފެދިފައިވާ މައުތޭ ޖަމާއަތުން ވަނީ މީގެ ކުރިން ވެސް ބޮޑެތި ހަމަލާތައް ދީފަ އެވެ. އެގޮތުން އެ ޖަމާއަތުން ވަނީ އަސްކަރީ ފައުޖަކަށް ހަމަލާދީ، ސިފައިންގެ މީހަކާއި އިތުރު ދެމީހަކު ވަގަށް ނެގުމަށް ފަހު އެމީހުންގެ ކަރު ބުރިކޮށްލައިފަ އެވެ. (ގާޑިއަން)