28 Aug 2016, 14:12
ލިބްރެވިލް (އޮގަސްޓް 28): އެފްރިކާގެ ގައުމެއް ކަމަށްވާ ގަބޯންގައި އިއްޔެ ވަނީ ރިޔާސީ އިންތިހާބު ބާއްވާފަ އެވެ.
މާދަމާ ނުވަތަ އޭގެ އަނެއް ދުވަހަށް ވޯޓު ގުނައި ނިމޭނެ ކަމަށް ލަފާ ކުރެވޭ އެ އިންތިހާބުގެ ނަތީޖާގެ ގޮތުން ގަބޯންގައި އޮތް 50 އަހަރުވީ އާއިލީ ވެރިކަން ނިމިގެން ނުވަތަ ދެމިގެން ދާނެ އެވެ.
ގަބޯންގެ ކުރީގެ ރައީސް އުމަރު ބޮންގޯގެ 41 އަހަރުވީ ވެރިކަމަށް ފަހު ރައީސް ކަމަށް ވަޑައިގެންނެވި އޭނާގެ ދަރިފުޅު، އަލީ ބޮންގޯ ގެންދަވަނީ އިންތިހާބުގައި ވާދަ ކުރައްވަމުންނެވެ. އެ އިންތިހާބުގެ އަނެއް މައި ކެނޑިޑޭޓަކީ އެފްރިކަން ޔޫނިއަން ކޮމިޝަނުގެ ކުރީގެ ވެރިޔާ، ޖޯން ޕިންގް އެވެ.
ހަތްދިހަތިން އަހަރުގެ ޖޯން ޕިންގް އަކީވެސް ބޮންގޯ އާއިލާއާ ގުޅުން ހުރި ބޭފުޅެކެވެ. އުމަރު ބޮންގޯގެ ސަރުކާރުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން އޭނާ އެންމެ ފުރަތަމަ ކައިވެނި ކުރެއްވީ އުމަރު ބޮންގޯގެ ދޮށީ ދަރިކަނބަލުންނާ އެވެ. އެ ދެ ބޭފުޅުން މިހާރު ވަނީ ވަކިވެފަ އެވެ.
ރައީސް އަލީ ބޮންގޯ އަކީ ހުދުމުހުތާރު ވެރިކަމެއް ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވެ، އޭނާގެ ވެރިކަމާ ދެކޮޅަށް ޕިންގް ނިކުމެ ވަޑައިގަތީ 2014 ވަނަ އަހަރެވެ.
ގަބޯންގައި ރިޔާސީ އިންތިހާބު ބާއްވާފައި ވަނީ ތެލުގެ އަގު ދަށަށް ދިޔުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ގައުމުގެ އިގުތިސާދަށްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. ވޯލްޑް ބޭންކުން ބުނާ ގޮތުގައި ގަބޯންގެ ތިން ބައި ކުޅަ އެއްބައި މީހުން ދިރިއުޅެނީ ފަގީރުކަންމަތީގަ އެވެ. އަދި ވަޒީފާ ނުލިބޭ ޒުވާނުންގެ އަދަދު 35 ޕަސެންޓަށް އަރަ އެވެ.
އެހެންކަމުން ވާދަވެރިކަން ބޮޑުވެފައިވާ އެ އިންތިހާބުގެ ނަތީޖާއާ ގުޅިގެން ހަމަނުޖެހުންތައް އުފެދި ދާނެ ކަމުގެ ބިރު ވެސް ވަނީ ފެތުރިފަ އެވެ. އެ ގައުމުގައި އެންމެ ފަހުން، 2009 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ނަތީޖާ ފާޅު ކުރުމުން ހިނގި ހަމަނުޖެހުންތަކުގައި ގިނަ ބަޔަކު މަރުވެ، އިމާރާތްތަކަށް ގެއްލުންދީފައިވެ އެވެ. (އަލްޖަޒީރާ)