28 Aug 2016, 13:42
އޮލިމްޕިކް ކޮމިޓީ އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މަރްޒޫގު (މަރޭ)އަށް އުމުރުން ދިހަ އަހަރުގެ ހައްވާ އީޝާލް ރިޔާޒް (އީޝާ) ހުށަހެޅި ޗެލެންޖް ގަބޫލުކޮށް، އެ ކުއްޖާއާ އެކު ޗެލެންޖް ފުރިހަކޮށްފި އެވެ. މަރޭ އަށްފަހު އީޝާގެ ޗެލެންޖު ހުށަހަޅާފައި ވަނީ ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ ކުޅިވަރު ޝަހްސިއްޔަތު އަލީ އަޝްފާގު (ދަގަނޑޭ)އާ އެވެ.

މަރޭ(ވ) އަދި އީޝާ(ކ) ދުވާ ޓްރެކްގައި: މަރޭއަށް ފަހު އީޝާ ދެން ޗެލެންޖް ކުރިމަތި ކުރުވާފައިވަނީ ދަގަނޑޭއާ --- ފޮޓޯ: އިބްރާހިމް ފާއިދު
ކުޅިވަރު އެތުލީޓުންނަށް ހިތްވަރުދިނުމުގެ ގޮތުން "ޓްރެއިނިން ވިތު އެމްވީ ޗެމްޕްސް"ގެ ނަމުގައި މަރޭ ފެށި ހަރަކާތް ވަރަށް ކާމިޔާބެވެ. އެތުލީޓުންނާ އެކު ތަމްރީންތަކެއްގައި ބައިވެރިވުމަށްފަހު މަރޭ ދެން ފެށި ހަރަކާތަކީ ރާއްޖޭގެ ރައީސްކަން ކުރައްވާ އަބްދުﷲ ޔާމީން އަބްދުލްގައްޔާމާއި، ކުރީގެ ރައީސުންނާއި، ސިޔާސީ ބޭފުޅުންނާއި، ކުންފުނިތަކުގެ ވެރިންނާއި، ސެލެބްރިޓީންނަށް އެތުލީޓުންނާ އެކު ތަމްރީން ފުރިހަމަކުރުމަށް ޗެލެންޖް ކުރުމުގެ ހަރަކާތެވެ.
ޗެލެންޖް ކުރުމުގެ ހަރަކާތުގެ އެންމެ ފަހުގެ މަރުހަލާގައި މަރޭ އުޅެނިކޮށް، އޭނާ އަށް ވެސް އެންމެ ފަހުން ޗެލެންޖަކާ ކުރިމަތިލާން ޖެހުނެވެ. އެއީ އުމުރުން ދިހަ އަހަރުގެ އީޝާގެ ޗެލެންޖެވެ. މަރޭ ވަނީ އިއްޔެ އީޝާއާއެކު ދުވާ ޓްރެކްގައި ޗެލެންޖް ފުރިހަމަކޮށްފަ އެވެ. އެ ޗެލެންޖް ކުރިއަށް ދިޔައީ ރާއްޖޭގެ ކުރީގެ އެންމެ ބާރު ދުވުންތެރިޔާ އަދި މިހާރުގެ އެތުލެޓިކްސް ކޯޗު ނަސީރު އިސްމާއިލްގެ އިރުޝާދާއެކު އެވެ.

ޗެލެންޖް ގަބޫލުކޮށް އީޝާއާ އެކު މަރޭ ތަމްރީނުތައް ފުރިހަމަކުރަނީ: މަރޭއަށް ފަހު އީޝާ ދެން ޗެލެންޖް ކުރިމަތި ކުރުވާފައިވަނީ ދަގަނޑޭއާ --- ފޮޓޯ: އިބްރާހިމް ފާއިދު
އެ ހިސާބުން އީޝާގެ ޗެލެންޖް ކުރުން ނިމުނީކީ ނޫނެވެ. މަރޭއާ ހިސާބުން އީޝާގެ ޗެލެންޖް ހަރަކާތް ފެށުނީ އެވެ. ދެން އީޝާ ޗެލެންޖް ކޮށްފައި ވަނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)އާ އެކު ތަމްރީނެއް ފުރިހަމަ ކުރުމަށެވެ. ދަގަނޑޭ ވެސް މިހާރު ވަނީ އީޝާގެ ޗެލެންޖް ގަބޫލުކޮށްފަ އެވެ.
ދަގަނޑޭއާ އެކު ޗެލެންޖް ފުރިހަމަ ކުރުމަށް ފަހު އިތުރު ފަރާތަކާ ނުވަތަ އެތުލީޓަކާ އީޝާގެ ޗެލެންޖާ ކުރިމަތިލާން ޖެހުމަކީ ގާތް ކަމެކެވެ. ސަބަބަކީ މަރޭގެ ހަރަކާތް އީޝާ އަށް ވެސް ކަމުގޮސްފި އެވެ. އަދި މަރޭއެކޭ އެއްގޮތަށް އީޝާ ވެސް ބޭނުންވަނީ އެތުލީޓުންނަށް ހިތްވަރު ދިނުމަށެވެ.