ޑީއާރުޕީގެ ކަންކަން ހަމައަކަށް އެޅެންދެން ޒަޢީމު ޑީއާރުޕީގެ ކައުންސިލް ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓަން ޑީއާރުޕީގެ ޒައީމް އަދި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމާ ހަވާލު ކޮށްފި އެވެ.

ޒަޢީމު ޑީއާރުޕީގެ ކައުންސިލް މެމްބަރުންގެ އެދިލެއްވުމަކަށް ރޭ ނަސަންދުރައިގައި ބޭއްވި ތިން ވަނަ ކައުންސިލް ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވައި ދެއްވައިފައި ވަނީ ޑީއާރުޕީގެ ޒައީމް އަދި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލް ގައްޔޫމެވެ.

ޒެޑް ފެކްޝަނުން ބުނީ ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ޑީއާރުޕީގެ ކަންކަން ހަމައަކަށް އެޅެންދެން ޒަޢީމު ޑީއާރުޕީގެ ކައުންސިލްގެ ބައްދަލުވުންތަކުގެ ރިޔާސަތު ރައީސް މައުމޫން ބަލަހައްޓައި ދެއްވާ ގޮތަށް ނިންމެވީ ކައުންސިލްގެ ހުރިހާ މެމްބަރުންގެ އެދުމުގެ މަތީން ޒަޢީމް އެކަން ގަބޫލު ކުރެއްވުމުން ކަމަށެވެ. ނަމަވެސް އެކަމާ އެމަނިކުފާނު ހަވާލުވެ ވަޑައިގަތީ ޑިމޮކްރެޓިކް އުސޫލުން އެހެން ބޭފުޅަކު އިންތިޚާބު ކުރެވެންދެން ކަމަށް ޒައީމު ވިދާޅުވެފައިވާ ކަމަށް ޒެޑް ފެކްޝަނުން ބުންޏެވެ.

ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ޒައީމް ޑީއާރުޕީގެ ނަން އެހެން ނަމަކަށް ބަދަލު ކުރަން ޒަޢީމް ހުށަހެޅުއްވި ކަމަށް ވެސް ޒެޑް ފެކްޝަނުން ބުންޏެވެ. އަދި އެ ގޮތަށް ޒައީމް ހުށަހެޅުއްވީ ޒަޢީމް ޑީއާރުޕީ ކިއުމުން ވަކި މީހަކަށް ނިސްބަތްވާތީ އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް ވާތީ ކަމަށް ޒެޑް ފެކްޝަނުން ބުނެ އެވެ. އަދި އެ ޚިޔާލަށް ކައުންސިލްގެ ހުރިހާ މެމްބަރުން ތާއީދު ކުރެއްވި ކަމަށް ވެސް ޒެޑް ފެކްޝަނުން ބުންޏެވެ.

ރޭގެ ކައުންސިލް ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކޮށްފައި ވަނީ ޒައީމް ޑީއާރުޕީގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތަށް ކަމަށް ޒެޑް ފެކްޝަނުން ބުންޏެވެ. އެގޮތުން އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެރޭ ޒަޢީމް ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް އާންމު ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.