ބިދޭސީ ނޫސްވެރިންނަށް ރާއްޖޭގައި ދާއިމީކޮށް މަސައްކަތް ނުކުރެވޭގޮތަށް ހެދުމަށް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ސަރުކާރަށް ގޮވާލައިފި އެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ރެ އާއި ދުވާލު ވަރަށް ބުރަކޮށް ދިވެހި އެތައް ނޫސްވެރިންނެއް މަސައްކަތް ކުރަމުންދާއިރު އެ ނޫސްވެރިންނަށް އެ ދާއިރާގެ މަންފާ އާ ފުރުސަތު ފަހިކޮށްދިނުމަށް ބިދޭސީ ނޫސްވެރިންނަށް ރާއްޖޭގައި ދާއިމީކޮށް މަސައްކަތް ނުކުރެވޭނެ ގޮތް ހެދުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

އެ ޖަމިއްޔާއިން ބުނީ ބިދޭސީ ނޫސްވެރިން ހަބަރު ފެތުރުމުގައި ވަކި ފަރާތަކަށް ޖެހޭތީ ރާއްޖޭގެ ޓޫރިޒަމަށާއި އިގްތިސާދަށް އޭގެ ސަބަބުން ގެއްލުންވާ ކަމަށެވެ.

ރާއްޖޭގައި ދާއިމީކޮށް މަސައްކަތް ކުރަނީ ވަރަށް މަދު ބިދޭސީ ނޫސްވެރިންތަކެކެވެ.

ފޮޓޯގްރާފަރުންނާއި ނޫސްވެރިކަމުގެ މަސައްކަތް ކުރުމަށް ރާއްޖެ އަންނަ ބިދޭސީން ސެކިއުރިޓީ ސްކްރީން ކުރުމަށް ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ދާދިފަހުން ބުނެފައެވެ.