ރާއްޖެ އަށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ގައުމީ ޓީމުގެ ކޯޗު ޖޯސެފް ޔަންކޭ ރާއްޖެ އަތުވެއްޖެއެވެ.

މިހާރުގެ ގައުމީ ޓީމާއެކު ގޯލްޑް ޓީމު މާދަމާ ރޭ ކުޅޭ މެޗަށް ޔަންކޭ ރާއްޖެ އައުމުން އޭނާ އަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން މަރުހަބާ ކިޔާފައިވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަހްމަދު ޠާރިގާއި އެ އެސޯސިއޭޝަންގެ އިސްވެރިންނެވެ.

ސާފް ޗެމްޕިއަންޝިޕް 2008 ކާމިޔާބުކޮށްދިނުމުގެ ކުރިން ވެސް އެއް ފަހަރު ރާއްޖޭގެ ގައުމީ ޓީމަށް ޔަންކޭ ވަނީ އިރުޝާދުދީފައެވެ. އެންމެ ފުރަތަމަ ގައުމީ ޓީމަށް އޭނާ އިރުޝާދުދީފައިވަނީ 2000 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރުގެ ނިޔަލަށެވެ. ފަހުން 2007 ވަނަ އަހަރު ހަވާލުވުމަށްފަހު ޔަންކޭ ޓީމު ދޫކޮށްލާފައިވަނީ ގައުމީ ޓީމަށް ހޯދައިދިން ބޮޑު ކާމިޔާބަށްފަހުއެވެ.

މާދަމާ ރޭގެ މެޗުގައި ހާއްސަ މެހެނާމުންގެ ގޮތުގައި ގެންނަ ދެ ފުޓްބޯޅަ ލެޖެންޑުން ވެސް މިހާރު ވަނީ ރާއްޖެ އައިސްފައެވެ. ސްޕެއިން މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް މިއަދު ރާއްޖެ އައިސްފައިވާ އިރު، އާޖެންޓީނާ ފުޓްބޯޅަ ލެޖެންޑް ރޮބާޓޯ އަޔާލާ ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

އެ ދެ ލެޖެންޑުންގެ ތެރެއިން ގޯލްޑް ޓީމުން މާދަމާ އަޔާލާ ފެންނަ އިރު، ތަމްރީނުތަކެއްގައި ފުރިހަމަކުރަމުންދާތީ ޒަވީ އަށް މެޗުގައި ކުޅުމުގެ ހުއްދަ ލިބިފައެއް ނުވެ އެވެ.