28 Aug 2016, 12:21
ސްޕެނިޝް ލަލީގާގައި ސެލްޓަ ވިގޯއާ ދެކޮޅަށް ކުޅުނު މެޗުގައި ހަނިތަފާތަކުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ސެލްޓާގެ މައްޗަށް ރެއާލުން ކުރި ހޯދާފައިވަނި 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.
ރޭ ކުޅުނު އެ މެޗުގެ ފުރަތަމަ ހާފު ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނު އިރު، ފުރަތަމަ ހާފުގައި ރެއާލް އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން މެޗުގެ ކުރީކޮޅު ރެއާލްގެ ސްޕެއިން ފޯވަޑް އަލްވާރޯ މޮރާޓާ އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.
މެޗުގެ 60 ވަނަ މިނެޓުގައި ރެއާލުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ސެލްޓާގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ރެއާލް އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މޮރާޓާއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ރެއާލްގެ މާކޯ އަސޭނިއޯ، ސެލްޓާގެ ކީޕަރު ސޭޖިއޯ އަލްވަރޭޒް ކައިރިން ނައްޓާލުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމާއެކު ލިބުނު ބޯޅައަކުންނެވެ.
މެޗުގެ 67 ވަނަ މިނެޓުގައި ސެލްޓާ އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ރެއާލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޖޯން ގުއިޑެޓީ ދިން ބޯޅައަކުން ސެލްޓާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ޗިލީ ފޯވަޑް ފަބިއަން އޮރެލާނޯއެވެ.
މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް ރެއާލުން ވަނީ އަލުން ލީޑު ހޯދައިފައެވެ. ލޫކަޒް ވަޒްކޭޒް ދިން ބޯޅައަކުން ރެއާލް އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޖަރުމަން މިޑްފީލްޑަރު ޓޯނީ ކްރޫސްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ 20 ޔާޑު ދުރުން އުފެއްދި ހަމަލާއަކުންނެވެ.
ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާއިރު، ލެގެނެސް އާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެ މެޗު ކުޅެފައިވަނީ ލެގެނެސްގެ ދަނޑުގައެވެ. ރަށުން ބޭރުގައި އޮސަސޫނާ އަތުން 2-0 ލަނޑުން ރެއާލް ސޮސިއެޑާޑް މޮޅުވި އިރު، ރަށުން ބޭރުގައި އައިބާއާ ދެކޮޅަށް ކުޅުނު މެޗުގައި 1-0 ލަނޑުން ވެލެންސިއާ ވަނީ ބަލިވެފަ އެވެ.