އީދު ބަންދާ ގުޅިގެން އެތެރޭގެ އުދުހުންތަކުގެ ބާރު ބޮޑުވެފައިވާ އިރު އިތުރު ފުލައިޓްތައް ބޭއްވުމަށް ވިސްނަމުން އަންނަ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނެފި އެވެ.

އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު މިއަދު ސަން އަށް ވިދާޅުވީ މީގެ ދެ ހަފްތާއެއްހާ ދުވަސްކުރިން އީދު ބަންދާ ދިމާކޮށް ކުރަން ހަމަޖެހިފައިވާ ދަތުރުތަކުގެ ޓިކެޓުގެ ބޮޑުބައެއް ވިކިފައިވާ ކަމަށެވެ.

"ވަރަށް ބާރު ބޮޑު، މީގެ ދެ ހަފްތާ ކުރިން ބުކްކޮށްފައި ހުރީ 90 ޕަސެންޓް، މިހާރު ހަމަ ސޯލްޑް، ކުރިން ވިއްޔާ ބުކް ތާ،" ނަޝާތު ވިދާޅުވި އެވެ.

ހުރިހާ ހިސާބަކަށް ވެސް ބާރުބޮޑު އިރު ފުވައްމުލަކާއި އައްޑޫ އަދި ލ. ކައްދުއަށް ދިއުމަށް ޓިކެޓު ބާރު ވަރަށް ބޮޑު ކަމަށް ނަޝާތު ވިދާޅުވި އެވެ.

ޑިމާންޑް ބޮޑުވުމުގެ ސަބަބުން ފުލައިޓް އިތުރު ކުރަން ވިސްނަމުންދާ ކަމަށާއި އެގޮތުން އައްޑުއަށް އެއާބަސް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ނަޝާތު ވިދާޅުވި އެވެ.

"މިބަލަނީ ދަތުރުތައް އިތުރުކޮށްގެން ތަރުހީބާއި އެއްވަރަށް ހިދުމަތް ދެވޭތޯ،" ނަޝާތު ވިދާޅުވި އެވެ.

އީދު ބަންދަކީ އަންނަ މަހު 10 އަކުން 14 އަށެވެ.