މިދިޔަ އަހަރު ނުކުތް "ބަޖްރަންގީ ބާއިޖާން" އަކީ މިހާތަނަށް ބޮލީވުޑުގައި އެންމެ ބޮޑު ކާމިޔާބެއް ހޯދި ފިލްމުތަކުގެ ލިސްޓުގެ ވަރަށް ކުރީ ސަފުން ޖާގަ ހޯދާފައިވާ ފިލްމެކެވެ.

ކަބީރު ޚާން ޑައިރެކްޓު ކުރި ފިލްމުގެ ވާހަކައާއި މިއުޒިކަށް ވުރެ ބޮޑަށް މީހުންގެ ޝައުގުވެރިކަން ދަމައިގަތީ ފިލްމުގެ އެންމެ މުހިންމު ދެ ރޯލުން ފެނިގެން ދިޔަ ސަލްމާން ޚާން އާއި ހަރްޝާލީ މަލޯތުރާ އެވެ.

ސަލްމާން އާއި "މުންނީ"ގެ ދެމެދުގައި އުފެދޭ ވަރުގަދަ ގުޅުމެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމުގެ ސަބަބުން ގިނަ ބަޔަކު ރޮއްވާލި އިރު، ދެ މީހުން އިތުރު ފިލްމަކުން އެކުގައި ފެންނަން ބޭނުންވެފައި ތިބި މީހުން ވެސް މަދެއް ނޫނެވެ.

އެފަދަ ފަރާތްތަކަށް މިފަހަރު މިއޮތީ އުފާވެރި ޚަބަރެކެވެ. ސަލްމާން އާއި "މުންނީ" އަނެއްކާ ވެސް އެކުގައި ފެންނަން ތައްޔާރު ވަނީ އެވެ. ނަމަވެސް ފިލްމަކުން ނޫނެވެ. މި ފަހަރު ދެ މީހުން އެކުގައި ފެނިގެންދާނީ އިޝްތިހާރަކުންނެވެ.

އިޝްތިހާރާ ގުޅޭ ގޮތުން މާބޮޑު މައުލޫމާތެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް، އިޝްތިހާރުގެ ޝޫޓިން ފެށުމުގެ ކުރިން ސަލްމާން އަދި ހަރްޝާލީ ބައްދަލުވެ، "ބަޖްރަންގީ ބާއިޖާން"ގެ ސަބަބުން ހަރްޝާލީގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކާ ގުޅޭ ގޮތުން ވަނީ ވާހަކަ ދައްކައިފަ އެވެ.