މި އަހަރު އެންމެ ހޫނުކޮށް ދެކެވުނު ބޮލީވުޑްގެ އެއް ވާހަކަ އަކީ އެކްޓްރެސް ނަރުގިސް ފަޚްރީ ވަކި އެއްޗެއް އެންގުމަކާ ނުލައި، އޭނާގެ ދެ ފިލްމެއްގެ ޕްރޮމޯޝަންގެ މަސައްކަތުގައި ބައިވެރިނުވެ ކުއްލިގޮތަކަށް އިންޑިއާ ދޫކޮށް ފުރި ވާހަކަ އެވެ.

ނަރުގިސް އިންޑިއާ ދޫކޮށް ފުރީ އޭނާ ލޯބީގެ ގޮތުން އުޅޭ ކަމަށް ބެލެވޭ އުދޭ ޗޯޕްޅާ ދެ މީހުންގެ ގުޅުން ނިންމާލުމުން ކަމަށް ރިޕޯޓުތައް ބުނަން ފެށި އެވެ. އަދި އެ ގުޅުން ނިންމާލީ ކައިވެނީގެ ހުރިހާ ކަމެއް ނިމިފައި ވަނިކޮށް ކަމަށާއި، ހިތް ކުދި ކުދިވެފައި ހުރި ނަރުގިސް އެނބުރި އިންޑިއާ އަށް ނުދާނެ ކަމަށް ވެސް ހަބަރުތައް ބުނަން ފެށި އެވެ.

ނަމަވެސް ނަރުގިސް މިވަނީ އޭނާ ނިއު ޔޯކަށް އެނބުރި ދިޔަ ސަބަބުން ހާމަކަޮށްފަ އެވެ. އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ނަރުގިސް ބުނީ އޭނާ އެނބުރި ނިއު ޔޯކަށް ދިޔައީ ފުރާނައަށް ނުރައްކާވާ ބައްޔެއްގެ ސަބަބުން ކަމަށެވެ.

"އަހަރެން އިންޑިއާ އަށް އައި އިރު އަހަރެންނަކީ ލެޑް ޕޮއިޒަނިންގ ޕޭޝަންޓެއް. އެއްވެސް މީހަކަށް ނޭނގެ އަހަރެންގެ ހަށިގަނޑުގައި މައްސަލައެއް ހުރި ކަމެއް. ބަލި ޖެހޭ ތަފާތު ގޮތް ގޮތް ހުރޭ. ވެދާނެ ކާ އެއްޗެހި، ފެން ނުވަތަ ދުވަސްވެފައި ހުންނަ ގެތަކުގައި ހުންނަ ލެޑް ޕައިޕުގެ ޒަރިއްއާ އިން ކަމަށް ވެސް،" ނަރުގިސް ބުންޏެވެ.

ނަރުގިސް ބުނީ ޑޮކްޓަރުން އޭނާ ޓެސްޓު ކުރި އިރު ހަށިގަނޑުގައި ލެޑް ހުރީ ކަންބޮޑުވާން ޖެހޭ މިންވަރަކަށް މަތިވެފައި ކަމަށެވެ. އަދި ދެން ހަދާނެ ގޮތަކާ މެދު ޑޮކްޓަރާ ސުވާލު ކުރި ކަމަށާއި، މިހާރު ތަފާތު އެކި ފަރުވާއަށް ފަހު މުޅިން ރަނގަޅު ވެފައި ވާކަމަށް ނަރުގިސް ވަނީ ބުނެފަ އެވެ.

ނަރުގިސް އާ ހަވާލާދީ ހަބަރުތައް ބުނާގޮތުން، އޭނާ ބަލިން މުޅިން ރަނގަޅުވީ އަޔުރުވޭދާ ހިމަނައިގެން ހަ މަސް ދުވަސް ވަންދެން ކުރި ތަފާތު ފަރުވާތަކަށް ފަހު އެވެ.

ހޮލީވުޑް ފިލްމަކަށް ސޮއިކޮށްފައިވާ ނަރުގިސް ބުނީ، ބޮލީވުޑާ ދުރަށް ދިއުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ. ނަރުގިސް ދެން އެންމެ އަވަހަށް ފެންނާނީ ރިތޭޝް ދޭޝްމުކް އާއެކު ފިލްމު "ބަންޖޯ" އިންނެވެ.