ރޯމް (އޮގަސްޓް 28): އިޓަލީއަށް މިދިޔަ ބުދަ ދުވަހު އައި ބިންހެލުމުގައި ސުންނާފަތިވި ސަރަހައްދުތައް އާރާސްތު ކުރަން، އެގައުމުގެ ދާރުލްއާސާރުތަކަށް މިއަދު ލިބޭ ފައިސާ ހަދިޔާ ކުރަން ނިންމައިފި އެވެ.

އިޓަލީގެ މެދުތެރެއަށް އައި ބާރުގަދަ ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އެގައުމުގެ ތާރީހީ އަވަށްތައް ކަމަށްވާ އަމަޓްރީޗޭ، އަކުމޯލީ އަދި ޕެސްކާރާ ޑެލް ޓްރޮންޓޯއަށެވެ. އޭގެ ތެރެއިން އަމަޓްރީޗޭ އަކީ 700 އަހަރުގެ މުއްސަނދި ތާރީހެއް އޮތް އަދި އިޓަލީގެ އެންމެ ރީތި އެއް ޓައުންގެ ލަގަބު ދީފައިވާ ޓައުނެކެވެ.

އިޓަލީގެ ސަގާފަތާ ބެހޭ މިނިސްޓަރު، ޑާރިއޯ ފްރަންސެސްޗީނީ ވިދާޅުވި ގޮތުގައި ބިންހެލުމުގެ ސަބަބުން އެސަރަހައްދުތަކުން ވަނީ ސަގާފީ ގޮތުން މުހިއްމު 293 އިމާރާތެއް ސުންނާފަތިވެފަ އެވެ.

އެހެންކަމުން ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ސަރަހައްދުތަކަށް އެހީވުމުގެ ގޮތުން އިޓަލީގެ ރައްޔިތުން މިއަދު ދާރުލްއާސާރުތަކަށް ޒިޔާރާތް ކުރުމަށް މިނިސްޓަރު ގޮވާލެއްވި އެވެ. (ބީބީސީ)