ހިދުމަތް ލިބުން ލަސްވެގެން އިމިގްރޭޝަނަށް ގޮސްހުރި ދިވެއްސަކު އެތަނުގެ ކައުންޓަރުގައި ހުރި 18 ޕާސްޕޯޓް ޖަހައިގަނެގެން ފިލައިފި އެވެ.

އިމިގްރޭޝަންގެ އިސް އޮފިޝަލަކު ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ހިނގި އެ ހާދިސާގައި 18 ޕާސްޕޯޓް ހިފައިގެން ފިލީ ވިސާ ޖައްސަން ދީފައި އޮތް ޕާސްޕޯޓެއް ބަލައި ގޮސް ހުރި މީހެއް ކަމަށެވެ. އަދި އެމީހާ ރުޅިއައިސްގެން ޕާސްޕޯޓްތައް ނެގީ ޕާސްޕޯޓް ދޫކުރާނީ ހުށަހެޅިފައިވާ ތަރުތީބުން ކަމަށް ކައުންޓަރުން އެމީހާ ކައިރީގައި ބުނުމުން ކަމަށްވެސް އޭނާގެ ވިދާޅުވި އެވެ.

"ޕާސްޕޯޓްތަކަކީ ވިސާ ޖައްސައި ނިމިގެން އިޝޫ ކުރަންވެގެން ކައުންޓަރުގެ ތެރޭގައި އަރިމައްޗެއްގައި ބަހައްޓާފައި ހުރި ޕާސްޕޯޓްތަކެއް. އެވަގުތު ކައުންޓަރުގައި ވެސް އިމިގްރޭޝަންގެ އޮފިޝަލަކު ވެސް އިން. ދެން ވަގުން މާހުޝިޔާރުވާނެތާ،" އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އިމިގްރޭޝަން ކައުންޓަރު މަތީގައި ބަހައްޓާފައި ހުރި ޕާސްޕޯޓްތަކެއް މީހަކު ގެންދިޔަ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.

ކުރީގެ އަސަރީކެފޭގައި ހިންގަމުން އަންނަ އެއޮފީހަކީ ވަގުތީ ގޮތުން ވިޝާ ޖެއްސުމުގެ ކަންތައްތައް ކުރަމުން އަންނަ އިމިގްރޭޝަންގެ ބައެކެވެ. އިމިގްރޭޝަންގެ ކައުންޓަރުގެ ތެރޭގައި ބަހައްޓާފައި ހުރި ޕާސްޕޯޓްތަކެއް މީހަކު ޖަހައިގަނެގެން ގޮސްފައިވާއިރު އެތަނުގެ ސެކިއުރިޓީއާ މެދު ބައެއް ފަރާތްކުން ސުވާލު އުފައްދަ އެވެ.