28 Aug 2016, 10:42
ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ގައުމީ ޓީމާއި މިހާރުގެ ގައުމީ ޓީމާ ދެމެދު މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ހާއްސަ މެހެމާނެއްގެ ގޮތުން ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭސް ރާއްޖެ އަތުވެއްޖެއެވެ.
ޒަވީ މިއަދު ހެނދުނު ރާއްޖެ އައުމުން އެއާޕޯޓްއިން އޭނާއަށް މަރުހަބާކީ އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް އެވެ.
މާދަމާ ރޭ ކުޅޭ ހާއްސަ މެޗް ބަލާލުމަށް ގަލޮޅު ދަނޑަށް ޒަވީ އައުމަށް ނިންމާފައިވާއިރު ޒަވީ ދިވެހި ސްޕޯޓަރުންނާއި ބައްދަލު ކުރުމަށް ވަނީ ނިންމާފައެވެ.
އުމުރުން މިހާރު 36 އަހަރުގެ ޒަވީ ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2008 އާއި 2012 ވަނަ އަހަރު ސްޕެއިން ޓީމުން ޔޫރޯ ކާމިޔާބު ކުރިއިރު އެ ޓީމްގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާ ވަނީ ސްޕެއިނުގެ ބާސެލޯނާ އަށް 505 މެޗު ކުޅެދީ އެ ކްލަބްއާ އެކު ސްޕެނިޝް ލީގު އަށް ފަހަރު އަދި ސްޕެނިޝް ކަޕް ތިން ފަހަރު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ޔުއެފާ ކަޕް ދެ ފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބްކޮށްފައެވެ.
ޒަވީގެ އިތުރުން އެފްއޭއެމް އިން ވަނީ އާޖެންޓީނާގެ ކުރީގެ ކެޕްޓަން ރޮބާޓޯ އަޔާލާ ވެސް އެ މެޗަށް ގެނެސްފައެވެ.