28 Aug 2016, 10:35
އެކްޓްރެސް ކެޓްރީނާ ކައިފްގެ ހަޔާތުގައި ކައިވެންޏާއި ފިލްމީ ދާއިރާ އިން ކޮންމެވެސް އެއް ކަމެއް އިޚުތިޔާރު ކުރަން ޖެހިއްޖެ ނަމަ، ފިލްމީ ދާއިރާ ދޫކޮށްލައި ކައިވެނި ދެމެހެއްޓުމަށް އިސްކަން ދޭނެ ކަމަށް އޭނާ ބުނެފި އެވެ.
އިންޑިއަން އެކްސްޕްރެސް ނޫހަށް ދިން އިންޓަވިއު އެއްގައި ކެޓްރީނާ ބުނީ ލޯބިވާ ފިރިހެނަކަށް އޭނާ ފިލްމީ ދާއިރާއާ ދުރަށް ދާން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށެވެ.
"އެކަމަކު އެއީ އަހަންނަށް ރަނގަޅު ގޮތް ކަމަށް ފެންނަ ނަމަ. އެއްވެސް ކަހަލަ މަޖުބޫރު ކުރުވުމެއް ނެތި. އަހަންނަށް އެއީ ރަނގަޅު ގޮތް ކަމަށް ފެނިއްޖެ ނަމަ ކެރިއަރު ދޫކޮށްލާނަން. ގޭގައި އިނދެ ދަރިން ބެލުމަކީ އަހަރެންގެ އެންމެ ފުރަތަމަ ޒިންމާ ކަމަށް ވާނަމަ، ކެރިއަރު ދޫކޮށްލާނަން،" ކެޓްރީނާ ބުނެފައިވެ އެވެ.
ފިރިހެނުން ކައިވެނީގެ ޒިންމާތަކުން ރެކެން މަސައްކަތް ކުރާ ކަމަށް ބުނެ އޭނާ އާ ކުރެވުނު ސުވާލަކަށް ޖަވާބު ދެމުން ކެޓްރީނާ ބުނީ އެއީ ވަކި ޖިންސަކަށް އޮންނަ ކަމެއް ނޫން ކަމަށާއި އެއީ އެމީހެއްގެ އަމިއްލަ ކަމެއް ކަމަށެވެ.
ކެޓްރީނާ ބުނީ ބައެއް އަންހެނުން އަދި ފިރިހެނުންނަށް ވެސް ކައިވެނިކޮށް ހަޔާތެއް ފެށުމަށް ވުރެ ކެރިއަރު މާ ބޮޑަށް މުހިންމު ކަމަށެވެ. އަދި އެއީ އޭނާ ދެކޭގޮތުގައި މައްސަލައެއް ނޫން ކަމަށް ވެސް ކެޓްރީނާ ބުންޏެވެ.