ކޮރަޕްޝަންގެ ތެރެއިން ދިވެހި މާލިއްޔާއިން ގިނަ އަދަދެއްގެ ފައިސާ ނާޖާއިޒު ގޮތުގައި އެތައް ބަޔަކު ބޭނުންކޮށްފައިވާ އިރު މިހާރު ފެށި މަސައްކަތަކީ އެ ފައިސާތައް ހޯދުމަށް ފެށި ފެށުމެއް ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް، ދައުލަތަށް ފައިސާތަކެއް ދައްކަން ޖެހޭ ކަމަށް އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ، އެމަނިކުފާނުގެ ސަރުކާގެ އިސްވެރީންތަކަކަށް އެ ފައިސާ ދައުލަތަށް ދެއްކެވުމަށް ފިނޭންސް މިނިސްޓްރީން މިދިޔަ ހަފްތާގައި ވަނީ އަންގައިފަ އެވެ.

ފިނޭންސް މިނިސްޓަރު މުނައްވަރު މިއަދު ސަން އަށް ވިދާޅުވީ އެއީ އެފަދަ ފައިސާތައް ހޯދުމުގެ ފެށުމެއް ކަމަށެވެ.

އިތުރު މައުލޫމާތު ސަން އަށް ދެއްވަމުން ފިނޭންސް މިނސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދިވެހި ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަކީ އެމިނިސްޓްރީ އަށް ގާނޫނުން ލާޒިމްކޮށްފައިވާ ކަމަށްކަށްވާ އިރު ހުރިހާ ސަރުކާރުތަކެއްގައި ވެސް ވެފައިވާ ހިޔާނާތްތަކުގެ ފައިސާ ދެއްކުމަށް އަންގާނެ ކަމަށެވެ.

ވޭތުވެ ދިޔަ ހުރިހާ ވެރިކަމަކާއި މިސަރުކާރަށް ބަލާއިރު ވެސް އޮޑިޓް ރިޕޯޓްތަކުގައި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކެއް ވަނީ ފާހަގަކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން އަންނަނީ ދައުލަތަށް ދައްކަން ޖެހޭ ފައިސާ ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގަމުންނެވެ. އަދި އެ ފައިސާ އެ މުއްދަތުގެ ތެރޭގައި ނުދައްކަވައިފި ނަމަ އެޓާނީ ޖެނެރަލް މެދުވެރިކޮށް ދައުވާ ކުރާނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.