28 Aug 2016, 09:46
އަންކާރާ (އޮގަސްޓް 28): ތުރުކީގެ އަންހެނުން ފުލުހުން ޔުނިފޯމާ އެކު ބުރުގާ އަޅަން ފުރަތަމަ ފަހަރަށް ހުއްދަ ދީފި އެވެ.
ތުރުކީގެ ރަސްމީ ގެޒެޓުގައިވާ ގޮތުން، ފުލުހުންގެ ޔުނިފޯމާ އެއްގޮތް ކުލައެއް ހުރި އަދި އެއްވެސް ޑިޒައިނެއް ހަދާފައި ނުވާ ބުރުގާއެއް އަންހެން ފުލުހުންނަށް އެޅޭނެ އެވެ.
ތުރުކީގެ ވެރިކަން ކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ (އޭކޭޕީ)ން އެގައުމުގައި ބުރުގާ އެޅުމަށް އޮތް ހުރަސްތައް ނައްތާލަން މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
ދެހާސްދިހަ ވަނަ އަހަރު ތުރުކީން ވަނީ އެގައުމުގެ ޔުނިވާސިޓީތަކުގައި ބުރުގާ އެޅުން ހުއްދަ ކޮށްފަ އެވެ. އަދި ދައުލަތުގެ މުއައްސަސާތަކުގައި ބުރުގާ އެޅުން 2013 ވަނަ އަހަރު ހުއްދަކޮށް، 2014 ވަނަ އަހަރު އެގަވާއިދު ހައިސްކޫލް ކުދިންނަށް ތައާރަފްކޮށްފަ އެވެ.
ހަމަ މިހަފްތާ ތެރޭގައި ސްކޮޓްލޭންޑުން ވަނީ އެގައުމުގެ އަންހެން ފުލުހުންގެ ރަސްމީ ޔުނިފޯމުގައި ބުރުގާ ހިމަނައިފަ އެވެ. (އަލްޖަޒީރާ)