އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ތިން ވަނަ މެޗުން ވެސް މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ރޭ ބާންލީއާ ދެކޮޅަށް ކުޅެ 3-0 ލަނޑުން ޗެލްސީ މޮޅުވި އިރު، ރަށުން ބޭރުގައި ހަލް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވެފައިވަނީ 1-0 ލަނޑުންނެވެ.

ޗެލްސީން ރޭ ކުޅުނު މެޗުގެ ނުވަ ވަނަ މިނެޓުގައި ބާންލީ ކޮޅަށް ލަނޑެއް ޖަހައި ލީޑު ހޯދާފައިވެއެވެ. ނަމެންޔާ މަޓިޗް ދިން ބޯޅައަކުން ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބެލްޖިއަމް ތަރި އެޑެން ހަޒާޑެވެ. އޭނާ އުފެއްދި ހަމަލާ އަމާޒުވެފައިވަނީ ބާންލީ ގޯލުގެ ތިރީ ކަނަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ބާންލީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 3-0 ލަނޑުން ޗެލްސީ ކުރީގައި އޮވެގެން --- ފޮޓޯ: ގެޓީ

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މެޗުގެ 41 ވަނަ މިނެޓުގައި ފޯވަޑް ޑިއޭގޯ ކޮސްޓާ ދިން ބޯޅައަކުން ޗެލްސީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު ވިލިއަންއެވެ.

މެޗުގައި ބާންލީ ކޮޅަށް ޗެލްސީން ޖެހި ތިން ވަނަ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ. ސްޕެއިން މިޑްފީލްޑަރު ޕެޑްރޯ ރޮޑްރިގޭޒް ދިން ބޯޅައަކުން ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެންދިޔަ ވިކްޓާ މޮސެސް އެވެ.

ހަލްއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ޔުނައިޓެޑަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗް އާއި، ކެޕްޓަން ވޭން ރޫނީ އަދި ސްޕެއިން މިޑްފީލްޑަރު ހުއާން މަޓާ އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ހަލް ސިޓީ ކޮޅަށް ލަނޑު ޖެހުމަށްފަހު ޔުނައިޓެޑްގެ މާކަސް ރަޝްފާޑް(މ) އުފާފާޅުކުރަނީ: ރަޝްފާޑުގެ ލަނޑުން ޔުނައިޓެޑް މޮޅުވެފައިވަނީ 1-0 ލަނޑުން --- ފޮޓޯ: ގެޓީ

ހަލްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލުމަށް ފަހު، ޔުނައިޓެޑަށް ހަލްގެ ގޯލުގެ ތެރެއަށް ބޯޅައެއް ފޮނުވާލެވިފައިވަނީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. ވޭން ރޫނީ ދިން ބޯޅައަކުން ޔުނައިޓެޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އިނގިރޭސި ފޯވަޑް މާކަސް ރަޝްފާޑެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، ޓޮޓެންހަމް ހޮޓްސްޕާ އާއި ލިވަޕޫލް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. ރަށުން ބޭރުގައި ކުޅެމުންދިޔަ ޓޮޓެންހަމް ކޮޅަށް ލިވަޕޫލްގެ ޖޭމްސް މިލްނާ ލަނޑެއް ޖެހި އިރު، މެޗުގެ 72 ވަނަ މިނެޓުގައި ޓޮޓެންހަމް އަށް ނަތީޖާ ހަމަހަމަކޮށްދިނީ ޑެނީ ރޯސްއެވެ.

ސައުތުހެމްޓަނާއި ސަންޑަލޭންޑް ބައްދަލުކުރި މެޗާއި ކްރިސްޓަލް ޕެލަސް އާއި އޭއެފްސީ ބޯންމައުތު ބައްދަލުކުރި މެޗު ވެސް ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. އަދި އަމިއްލަ ދަނޑުގައި ސްޓޯކް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި 1-0 ލަނޑުން އެވަޓަން ވަނީ މޮޅުވެފައެވެ.