ޓޮޕްކެޓް ވޯލްޑް ސެއިލިން ޗެމްޕިއަންޝިޕްގައި ވާދަކުރާ ޓީމުތަކުން ދިވެހިރާއްޖޭގެ ޓީމަށް ވަރަށް ބޮޑު އިހުތިރާމެއް ކުރާ ކަމަށް ރާއްޖޭގެ ޓީމުގައި ހިމެނޭ އާދަމް ފައިސަލް (އެޑަމް) ބުނެފިއެވެ.

ރާއްޖޭގެ ޓީމުގައި ހިމެނޭ އެޑަމް އަކީ އެ މުބާރާތުގައި ވާދަކުރާ އަބްދުލްޣަފޫރު އަލީ (ގައްބެ)ގެ ޕާޓްނަރެވެ. ރާއްޖޭގެ ޓީމުން މިއަދު ޕްރެކްޓިސް ރޭހުގައި ބައިވެރިވާ އިރު، މުބާރާތުގެ ފުރަތަމަ ރޭހުގައި ގައްބެ އާއި އެޑަމް ވާދަކުރުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.

ރާއްޖޭގެ ޓީމުގައި ހިމެނޭ އެޑަމް އާއި އަބްދުލްޣަފޫރު އަލީ (ގައްބެ) މިއަދު ކްރޮއޭޝިއާގައި ފަށާ ޓޮޕްކެޓް ވޯލްޑް ސެއިލިން ޗެމްޕިއަންޝިޕްގައި ވާދަކުރާނެއެވެ.

އަބްދުލްޣަފޫރު އަލީ (ގައްބެ) އާއި އާދަމް ފައިސަލް (އެޑަމް) ކްރޮއޭޝިއާގައި: ޓޮޕްކެޓް ވޯލްޑް ސެއިލިންގް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމު މާދަމާ ވާދަކުރާނެ ---

"ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން އައިސް ތިބި މޮޅެތި ޓީމުތަކުން ވެސް އަޅުގަނޑުމެންނަށް ގަދަރުކުރޭ. އެއީ އަޅުގަނޑުމެންނަކީ ދިވެހިން ކަމުގައި ވެފައި، އެހާ ދުރުން މިހިސާބަށް އައިސް ތިބި ބައެއް ވީމަ. އެ އިހްތިރާމާއި ގަދަރު އަޅުގަނޑުމެންނަށް ވަރަށް ލިބޭ،" ކްރޮއޭޝިއާގައި ހުރެ އެ މުބާރާތާ ބެހޭގޮތުން ވާހަކަދައްކަމުން އެޑަމް ބުންޏެވެ.

އެޑަމް ބުނީ، އެ މުބާރާތުގެ ކުރިން ކުރިއަށްގެންދިޔަ ތިއަރީ ސެޝަންތަކުގައި ގިނަ ކަންތައްތަކެއް ދަސްވި ކަމަށާއި ކްރޮއޭޝިއާގެ ވަޔާއި ރާއްޖޭގެ ވައި ވަރަށް ބޮޑަށް ތަފާތު ކަމަށެވެ.

އަބްދުލްޣަފޫރު އަލީ (ގައްބެ) އާއި އާދަމް ފައިސަލް (އެޑަމް) ކްރޮއޭޝިއާގައި: ޓޮޕްކެޓް ވޯލްޑް ސެއިލިންގް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމު މާދަމާ ވާދަކުރާނެ ---

"އަޅުގަނޑުމެންގެ ޓްރެއިނިންގެ ކަންތައްތައް މިދިޔަ ތިން ހަތަރު ދުވަހު ބޮޑަށް ދިޔައީ ތިޔަރީގައި. ބޮޑަށް ތިއަރީގައި ދާން ޖެހުނު ސަބަބަކީ ދުނިޔޭގައި ވެސް ޖެހޭ އެންމެ ބާރު ވައި މިތަނަށް ޖެހެމުން ދާތީ. ތިއަރީގައި ވަރަށް ތަފާތު އެއްޗެހިތަކެއް ދަސްވަމުން މިދަނީ. އަޅުގަނޑުމެންނަށް ރަނގަޅަށް ދިމާވި ކަމެއް އެއީ ކުރީ ބައިގައި މިކޮޅަށް އާދެވުނުކަން. ދިވެހިރާއްޖޭގައި ވައި ހުންނަ ގޮތަކަށް ނޫން މިކޮޅުގައި ވައި ހުންނަނީކީ،" އޭނާ ބުންޏެވެ.

އެ މުބާރާތަށް ފުރުމުގެ ކުރިން ގައްބެއާއި އެޑަމް ވަނީ ރާއްޖޭގައި ވެސް ގިނަ ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސްފައެވެ.