ޓޮޕްކެޓް ވޯލްޑް ސެއިލިން ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހިރާއްޖޭގެ ޓީމަށް ވަރަށް ރަނގަޅު ތަމްރީނެއް ލިބެމުންދާ ކަމަށް ރާއްޖޭގެ ޓީމުގައި ހިމެނޭ އަބްދުލްޣަފޫރު އަލީ (ގައްބެ) ބުނެފި އެވެ.

ކްރޮއޭޝިއާގައި މިއަދު ފަށާ ޓޮޕްކެޓް ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގައި ގައްބެގެ އިތުރުން ދެން ހިމެނެނީ އާދަމް ފައިސަލް (އެޑަމް) އެވެ. ރާއްޖޭގެ ޓީމުން މިއަދު ޕްރެކްޓިސް ރޭހުގައި ބައިވެރިވާ އިރު، މުބާރާތުގެ ފުރަތަމަ ރޭހުގައި ގައްބެ އާއި އެޑަމް ވާދަކުރުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.

އަބްދުލްޣަފޫރު އަލީ (ގައްބެ) އާއި އާދަމް ފައިސަލް (އެޑަމް) ކްރޮއޭޝިއާގައި: ޓޮޕްކެޓް ވޯލްޑް ސެއިލިންގް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމު މާދަމާ ވާދަކުރާނެ ---

"ޓޮޕްކެޓް ވޯލްޑް ޗެމްޕިއަންޝިޕް ރާވާލާފައިވަނީ ވަރަށް ފުރިހަމަ ގޮތަކަށް. މީގައި އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ކަމަކީ ރޭހުގެ ކުރިން ވަރަށް ރަނގަޅު ޓްރެއިނިން އެއް އެބަލިބޭ ގައްބެ އަށާއި އެޑަމް އަށް، ދިވެހިރާއްޖޭގެ ޓީމަށް. ޓޮޕްކެޓުން ޓްރެއިނަރުންނަށް ހަމަޖައްސާފައި ވަނީމި ތަނުގައި ތިބި ތަޖުރިބާހުރި އެންމެ ރަނގަޅު ސެއިލަރުން. އެ މީހުންނާ އެއްކޮށް އުޅެލީމަ ސެއިލިން އަކީ ކިހާވަރެއްގެ އެއްޗެއްކަން ވަރަށް ބޮޑަށް އެބަ އެނގޭ،" ކްރޮއޭޝިއާގައި ހުރެ މައުލޫމާތުދެމުން ގައްބެ ބުންޏެވެ.

ގައްބެ ބުނީ، ކުރީ ބައިގައި ކްރޮއޭޝިއާ އަށް ގޮސް 20 ވަނަ ދުވަހުން ފެށިގެން ޓުއާއެއް ދޭ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް، ވައިގަދަވުމުގެ ސަބަބުން އެ ޓުއާ ކެންސަލް ވެފައިވާ ކަމަށެވެ.

އަބްދުލްޣަފޫރު އަލީ (ގައްބެ) އާއި އާދަމް ފައިސަލް (އެޑަމް) ކްރޮއޭޝިއާގައި: ޓޮޕްކެޓް ވޯލްޑް ސެއިލިންގް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމު މާދަމާ ވާދަކުރާނެ ---

"ވައި ގަދަވި ތިން ދުވަހު ވަރަށް ބައިވަރު މައުލޫމާތު ކޯޗުން ވަރަށް ބޮޑަށް ދިން. ގައްބެ އާއި އެޑަމްއާ އަލަށް މި ބައިވެރިވަނީ ކެޓަމަރަން ރޭހެއްގައި. ކެޓަމަރަން ދުއްވިއެއް ކަމަކު ރޭހެއް ޖެހުމަކީ މުޅިން ތަފާތު ކަމެއް. މިއީ އެންމެ ދުވަހެއްގެ ރޭހެއް ނޫން. ރޭސް މި އިންނަނީ ކޮންމެ ދުވަހަކުވެސް ހެނދުނާއި ހަވީރު ދެ ރޭސް. ޖުމްލަ ދިހަ ރޭސް ޖަހަން ޖެހޭ. ޕޮއިންޓް ސިސްޓަމް އިންނަނީ،" އޭނާ ބުންޏެވެ.

އެ މުބާރާތަށް ފުރުމުގެ ކުރިން ގައްބެއާއި އެޑަމް ވަނީ ރާއްޖޭގައި ވެސް ގިނަ ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސްފައެވެ.