31 May 2011, 17:12
ކެމްބްރިޖް އިމްތިހާންގެ ހިސާބު ޕޭޕަރަށް މަކަރު ހެދި މައްސަލައިގާ ތުހުމަތު ކުރެވުނު ތިން މުވައްޒަފަކު އެ ސްކޫލްގެ ވަޒީފާ އިން މިދިޔަ ބުރާސްފަތި ދުވަހު ވަކިކޮށްފައިވާ ކަމަށް މިލަންދޫ ސްކޫލް ހިންގުމާ ހަވާލުވެ ހުންނެވި އަހުމަދު ޒަހީން މިއަދު ވިދާޅުވެއްޖެ އެވެ.
ވަކިކުރި ތިން މުވައްޒަފުންގެ މައްޗަށް ފުލުހުން ވަނީ ކުރިން ތަހުގީގެއް ހިންގައިފަ އެވެ. އަދި އެ ތިން މުވައްޒަފުން ސިވިލް ސާވިސް ކޮމިޝަނުން މީގެ ދުވަސްތަކެއް ކުރިން ފެށިގެން ސަސްޕެންޑްކޮށްފަ އެވެ.
އަހުމަދު ޒަހީން ވިދާޅުވީ ކޮންމެ ސަބަބަކާ ލައިގެން ނަމަވެސް އެ ތިން މުވައްޒަފުން ސްކޫލާ ދުރަށް ދާން ޖެހުމަކީ އޭނާ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އަދި ވަކިކުރި މުވައްޒަފުންގެ ބަދަލުގައި އެހެން ތިން މުވައްޒަފުން ހޯދުމަށް މިހާރު ވާނީ އިއުލާން ކުރައްވާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޒަހީން ވިދާޅުވީ މިލަންދޫ ސްކޫލަށް ކުރިމަތިވި ހިތާމަވެރި ހާދިސާ( ހިސާބު ޕޭޕަރު ތަކުގެ މައްސަލަ) އަށް ފަހު އެސްކޫލްގެ ޓީޗަރުންނާއި ބެލެނިވެރިން ގުޅިގެން ސްކޫލްގެ ނަތީޖާ ރަނގަޅުކޮށް އެ ސްކޫލަކީ މަކަރު ނުހަދައި ވެސް ކާމިޔާބު ސްކޫލެއްކަން ސާބިތު ކޮށްދިނުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އެކަން ހާސިލް ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިލަންދޫ ސްކޫލުން ދައްކައިދޭނަން އެ ސްކޫލަކީ އަދިވެސް ކާމިޔާބު ސްކޫލެއްކަން، މަކަރު ނުހަދައި ވެސް ރަނގަޅު ނަތީޖާ ހޯދާނެ ފެންވަރު ސްކޫލްގައި ހުރިކަން،" ޒަހީނު ވިދާޅުވި އެވެ.
މި އަހަރު ވެސް ޖީސީ އީ އޯލެވެލްގެ ގަދަ 10 ކުދިންގެ ތެރޭގައި މިލަންދޫ ސްކޫލްގެ ދަރިވަރަކު ހިމެނެ އެވެ.