ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އިންތިހާބުގެ ކުރިން އެ އެސޯސިއޭޝަނަށް އިންޓަރިމް ހިންގާ ކޮމިޓީއެއް ހޮވަން ޖެހޭ ކަމަށް ކުރީގެ ވޯލީބޯލް ކޯޗް އަދި މަޝްހޫރު ފޮޓޯގްރާފަރ މުހަައްމަދު ޝާފީ ބުނެފިއެވެ.

އައްޑޫ ސްޕޯޓްސް އަށް ގައުމީ މުބާރާތުގެ ތަށި ހޯދައިދީފައިވާ އަދި ކްލަބް ވެލެންސިއާއަށް ވެސް ކޯޗްކަން ކޮށްދީފައިވާ ޝާފީ، ސަންއާ ވާހަކަދައްކަމުން ބުނީ، ވޮލީބޯޅަ އެސޯސިއޭޝަންގެ ހިންގުމަށް އިސްލާހީ ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާއި ދެން އެ އެސޯސިއޭޝަނާ ހަވާލުވާ ބަޔަކަށް އެތަން އިސްލާހު ކުރެވޭނީ އިންޓަރިމްއަކަށްފަހު އިންތިހާބު ބާއްވައި އެފަރާތާ ހަވާލު ކުރުމުން ކަމަށެވެ.

"މިހާރު ބަޔަކު ހަވާލުވެއްޖެނަމަ އެސޯސިއޭޝަންގެ މައްސަލަތައް ހައްލުކޮށްފައި ތަރައްގީ ކުރެވޭކަށް ވަގުތެއް ނޯންނާނެ. އެހެންވީމަ އިންޓަރިއަމްއަކަށްފަހު އިންތިހާބު އަންނަންޖެހޭނީ،" ޝާފީ ބުންޏެވެ.

ކުރިން ވީއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުވެސް އަދާކޮށް އެއެސޯސިއޭޝަން ހިނގުމަށް އޭރު ބޮޑު ބަދަލެއް ގެނައި ޝާފީ ބުނީ، ގަވައިދު އިސްލާހް ކުރަންވެސް އިނޓަރިމް ކޮމިޓީއެއް މުހިންމު ކަމަށާއި ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތުވެސް ލިބޭނީ އޭރުން ކަމަށެވެ.

ޝާފީ ވަނީ މީގެ ކުރިން އެ އެސޯއޭޝަންގެ ރައީސްކަމަށް ކުރިމަތިލާން ނިންމިކަން އިއުލާން ކޮށް، މިހާރު ވޮލީބޯޅައަށް ކުރިމަތިވަމުން އަންނަ ހީނަރުކަމުން އެކުޅިވަރު ސަލާމަތްކޮށް ރާއްޖޭގައި އެ ކުޅިވަރު އިތުރަށް ކުރިއަރުވާނެ ބުނެފައެވެ. ނަމަވެސް އެފަހަރު އޭނާވަނީ އަނބުރާ ނަން ގެންގޮސްފައެވެ.

ކްލަބް ޖަމިއްޔާ ތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ މިނިސްޓްރީ އޮފްހޯމްއެފެއާޒުން މިހާރުވަނީ އެންމެ ފަހުން ބޭއްވި، ވޮލީބޯޅަ އެސޯސިއޭޝަންގެ އިންތިހާބުގައި މައްސަލަތަކެއް އުޅޭތީ އެ އިންތިޚާބު ބާތިލްކޮށްފައެވެ.

ސްޕޯޓްސްކޮމިޝަނުން ވީއޭއެމްގެ އިންތިޚާބުގެ މައްސަލަބަލާފައި ވާއިރު، ދާދިފަހުން އެންޓި ކޮރަޕްޝަންކޮމިޝަން (އޭސީސީ) އިން ވެސް ވަނީ އެމައްސަލަ ބަލައި ވީއޭއެމްއާ މެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް އަންގައިފައެވެ.

ވޮލީބޯލް އެސޯސޮއޭޝަން އޮފް މޯލްޑިވްސްގެ އެންމެ ފަހުން ބޭއްވި އިންތިޚާބު ކާމިޔާބުކުރެއްވީ، މީގެ ކުރިިން ދެ ދައުރު ވެސް އިންތިޚާބުވެވަޑައިގެންފައިވާ މުހައްމަދު ރިޔާޒެވެ. އެހެން ނަވަމެސް، އެ އިންތިހާބު ބާތިލުކޮށްދިނުމަށް އެދި، އިންތިޚާބުގައި ވާދަކުރެއްވި ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވަނީ، ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުއްވުމަށް ފަހު މައްސަލަ އަނބުރާ ގެންގޮސްފައެވެ.