27 Aug 2016, 19:50
ރައީސް އަބްދުﷲ ޔާމީން އަބްދުގައްޔޫމު 2018 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕޭނުގެ ތެރެއިން ރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާ ދައުލަތުގެ މީޑިއާއިން ލައިވް ކުރި މައްސަލައިގައި އެމްޑީޕީއާ ސަރުކާރުގެ މަޖިލިސް މެމްބަރުންނާ ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް ދޭން ފަށައިފިއެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ވަނީ އެމައްސަލައިގައި މިއަދު އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުވައިފައެވެ. އެސިޓީގައި ބުނެފައިވަނީ ދައުލަތުގެ އެއްވެސް ބިމެއް ނުވަތަ މުދަލެއް ނުވަތަ ވަސީލަތެއް ހަމައެކަނި އެއް ޕާޓީއެއްގެ ބައްދަލުވުންތަކަށް ނުވަތަ ހަރަކާތްތަކަށް ބޭނުންކޮށްގެން ނުވާނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ.
ޕީޕީއެމުން މުލިއާގެއާއި ދައުލަތުގެ މީޑިއާ (ޕީއެސްއެމް) ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ބޭނުންކުރަމުންދާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނަށް ފޮނުވި ސިޓީގައި އެމައްސަލަ ބަލައި ދިނުމަށް އެމްޑީޕީން ވަނީ އެދިފައެވެ.
އެމްޑީޕީގެ އެ ކަންބޮޑުވުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކް ވަނީ ރައްދު ދެއްވައިފައެވެ. ނިހާން ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީގެ ވެރިކަމުގައި އެމްއެންބީސީ ހަދައިގެން ރައީސް ނަޝީދު އިސްތިއުފާ ދިނުމާ ހަމައަށް ޓީވީއެމުން 24 ގަޑިއިރު އެމްޑީޕީ ހަރުގެ ލައިވް ކުރުން "އޯކޭ" ތޯ ސުވާލު އުފައްދަވައިފައެވެ.
MDP ge Verikan feshumaa eku MNBC hadhaigen RN Amilla ah Isthiufaa dhiumaa hama ah TVM in 24 gadi iru MDP haruge live kurn OK dho.#RY2018
— Ahmed Nihan (@ahmed_nihan)August 27, 2016
މީގެ ކުރިން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޓީވީއެމް އުވާލައި އެމްއެންބީސީގެ ނަމުގައި އެކުންފުނި ހިންގި އިރު ވެރިކަން ކުރި އެމްޑީޕީގެ ބައެއް ހަރަކާތްތަށް އެ ޓީވީން ލައިވް ކުރާތީ ގިނަ ބަޔަކު ވަނީ ފާޑު ކިޔައިފައެވެ. އޭރު އިދިކޮޅު ފަރާތްތަކުން ފާޑުކީ ނަމަވެސް އެކަމަށް އޭރު ސަރުކާރުންވެސް މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ.
ރޭ ފުވައްމުލަކުގައި ބާއްވާފައިވަނީ ރައީސް ޔާމީން 2018 އަށް ކުރައްވާ ކެމްޕޭންގެ ޖަލްސާ އެކެވެ. ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވެފައިވަނީ އެޖަލްސާއަކީ 2018 އަށް ރައީސް ޔާމީން ތައްޔާރުވުމަށް ކުރިއަށްދާ ހަރަކާތްތަކުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށެވެ. ނަމަވެސް ރަސްމީކޮށް ރައީސް ޔާމީންގެ ކެމްޕޭން ފަށާނީ އިލެކްޝަންސް ކޮމިޝަނުން އިންތިހާބު އިއުލާނު ކުރުމުން ކަމަށް ނިހާން ވަނީ ވިދާޅުވެފައެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ކ) ގައި ވާގޮތުން ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތު ކުރުމެއް ނެތި ޕީއެސްއެމްގެ ހިދުމަތް ފޯރުކޮށްދެމުން ދިއުމަށް މަސައްކަތް ކުރުމާއި ޕީއެސްއެމްއިން ވަކިވަކި ފަރުދުންނާއި އެކި ޖަމާއަތްތަކަށް ފުރުސަތު ދިނުމުގައިވެސް ހަމަހަމަ ކަން ގާއިމް ކުރުން ޕީއެސްއެމްގެ ސިޔާސަތުގެ ތެރޭގައި ހިމެނެން ޖެހެ އެވެ.