27 Aug 2016, 18:14
ލަޕާޒް(އޮގަސްޓް 27): ބޮލީވިއާގައި މުޒާހަރާ ކުރަމުން ދިޔަ ބަޔަކު ގައުމުގެ ޑެޕިއުޓީ އިންޓީރިއަރ މިނިސްޓަރު ވަގަށް ނެގުމަށް ފަހު މަރާލައިފި ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.
ސަރުކާރު އޮފިޝަލުން ބުނި ގޮތުގައި މުޒާހަރާ ކުރަމުން ދިޔަ ބަޔަކު ޑެޕިއުޓީ މިނިސްޓަރު ރޮޑޮލްފޯ އިލާނެސް އާއި އޭނާގެ ބޮޑީގާޑު ވަގަށް ނަގާފައި ވަނީ މުޒާހަރާގެ ބައިވެރިންނާ ވާހަކަ ދައްކަވަން މަސައްކަތް ކުރައްވަނިކޮށެވެ.
މައިންތަކުގައި މަސައްކަތް ކުރާ މީހުންނަށް އަމިއްލަ ކުންފުނިތަކާ އެކު މަސައްކަތް ކުރުމުގެ ހުއްދަ ދިނުމަށް ގޮވާލައި ބޮލީވިއާގައި ކުރަމުންދާ މުޒާހަރާތަކުގައި މިހާތަނަށް ތިން މީހަކު މަރުވެފައިވެއެވެ.
ޑެޕިއުޓީ މިނިސްޓަރު އިލާނެސްގެ މަރާ ގުޅިގެން ފުލުހުން ވަނީ މުޒާހަރާގެ ލީޑަރަކާއި ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. އަދި އިތުރު 40 މީހަކު ތަހުގީގު ކުރަމުންދާ ކަމަށްވެސް ބޮލީވިއާގެ ސަރުކާރުން ބުންޏެވެ.

ބޮލީވިއާގައި ކުރަމުންދާ މުޒާހަރާތަކުގައި މިހާތަނަށް ތިން މީހަކު މަރުވެފައިވޭ --- ފޮޓޯ: އޭޕީ
ޑެޕިއުޓީ މިނިސްޓަރު އިލާނެސްގެ މަރާ ގުޅިގެން ބޮލީވިއާގެ ރައީސް، އީވޯ މޮރާލޭސް ވަނީ އެގައުމުގައި ހިތާމަ ފާޅު ކުރުމުގެ ތިން ދުވަސް އިއުލާން ކުރައްވާފައެވެ.
"އެއީ ފިނޑި އަމަލެއް. އޭނާ ވަގަށް ނެގުމަށް ފަހު މަރާލުމުގެ ކުރިން އަނިޔާކޮށްފައިވޭ. އެއީ މާފު ކުރެވޭނެ އަމަލެއް ނޫން،" ރައީސް މޮރާލޭސް ވިދާޅުވިއެވެ.
(ސީއެންއެން)