27 Aug 2016, 17:45
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މުވައްޒަފުން ވިލިމާލެއިން ކުނި ނަގައި ސާފުކޮށްފިއެވެ.
އެ ހަރަކާތް ހިންގާފައި ވަނީ މިއަދު އެމްޓީސީސީގެ ގާތްގަނޑަކަށް 50 ވަރަކަށް މުވައްޒަފުން ގުޅިގެންނެވެ.
ވިލިމާލެ ސާފުކުރުމަށް އެމްޓީސީސީން ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން ---- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު އަހުމަދު އަދުހަމް ވިދާޅުވީ، އެ އިވެންޓަކީ މިދިޔަ އަހަރެކޭ ވެސް އެއްފަދައިން "ސޭވް ދަ ބީޗް" ޖަމިއްޔާއާ ގުޅިގެން ކުރިއަށްގެންދިޔަ އިވެންޓެއް ކަމަށެވެ. އެއީ ސުޒުކީ އިން މުޅި ދުނިޔޭގައި އެ ކުންފުނީގެ އައުޓްލެޓްތައް ހުންނަ ހުރިހާ ގައުމެއްގައި ކުރިއަށްގެންދާ އިވެންޓެކެވެ. އެމްޓީސީސީ އަކީ ސުޒުކީގެ ރާއްޖޭގެ ޑިސްޓްރިބިއުޓަރެވެ. އެގޮތުން އެކުންފުނިން ވަނީ ވޭތުވެދިޔަ ހަ އަހަރު އެ ހަރަކާތް ބާއްވާފައެވެ.
އޭނާ ވިދާޅުވީ މިދިޔަ އަހަރު އެ ކުންފުނިން ހިންގި ޕްރޮގްރާމްގައި 400 ކިލޯއަށްވުރެ ގިނަ ކުނި އެއްކޮށް، ރައްކާތެރިގޮތުގައި ނައްތާލާފައިވާ ކަމަށެވެ. އަދި މިއަދު ހިންގި ޕްރޮގްރާމްގައި 500 ވަރަކަށް ކިލޯގެ ކުނި އެއްކުރެވިފައިވާ ކަމަށާއި އެ ކުނިތައް ވެސް ރައްކާތެރި ގޮތުގައި ނައްތާލާނެ ކަމަށެވެ.
ވިލިމާލެ ސާފުކުރުމަށް އެމްޓީސީސީން ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން ---- ސަން ފޮޓޯ/ ފަޔާޒު މޫސާ
"މިކަމުގެ އެންމެ ބޮޑު މަގްސަދަކީ އެމްޓީސީސީ އަކީ ޕަބްލިކް ކުންފުންޏަކަށް ވުމާއެކު ހަމަ ހުރިހާ ފަރާތްތަކެއްގެ މެދުގައި، ހާއްސަކޮށް މި ރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް އޮތް ގައުމަކަށް ވާތީ ރާއްޖޭގެ ފަރުތަކާ ބީޗް ފަދަ ތަންތަނަކީ ސާފުކޮށް ރީތިކޮށް އޮންނަ ތަނަކަށް ހެދުން. އަދި އެކަމަށް އާންމުން ވެސް އަހުލުވެރި ކުރުވުން،" އަދުހަމް ވިދާޅުވި އެވެ.
އަދުހަމް ވިދާޅުވީ، ވޭތުވެދިޔަ އަހަރު އަދި މިއަހަރު ވިލިމާލޭގައި އެ ހަރަކާތް ކުރިއަށްގެންދިޔަ ނަމަވެސް އަންނަ އަހަރު ރާއްޖޭގެ އެހެން ހިސާބުތަކަށް ކުނި ސާފުކުރުމުގެ ހަރަކާތްތައް ފުޅާކުރާނެ ކަމަށެވެ.
މިއަދު އެމްޓީސީސީން ވިލިމާލޭގައި ހިންގި ހަރަކާތުގައި ވަނީ ގިނަ އަދަދަކަށް ޕްލާސްޓިކް ފުޅި ފަދަ ކުނިތައް އެއްކޮށްފައެވެ.