27 Aug 2016, 17:32
އިސްލާމީ އުންމަތުގެ އެއްވެސް ގައުމެއްގައި ހަމަޖެހުމާއި އަމާންކަން އޮތުމަކީ އެއްވެސް ޒަމާނެއްގައި އިސްތިއުމާރީ ބާރުތަކުން އެދޭކަމެއް ނޫން ކަމަށް އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމްގެ ފޭސްބުކް އެކައުންޓުގައި ޝާއިއުކުރައްވާފައިވާ ލިޔުމެއްގައި ވިދާޅުވީ، އިސްލާމީ އުންމަތުގެ ތާރީޚަށް ބަލާއިރު، އިސްތިއުމާރީ ބާރުތަކުން އަބަދުވެސް މަސައްކަތް ކޮށްފައި ވަނީ އިސްލާމީ ގައުމުތައް ބައިބައިކޮށް ހަލާކު ކުރުމަށްކަން އެނގޭ ކަމަށެވެ.
"އަސްހާބު ބޭކަލުންގެ ދުވަސްވަރު އަލީގެ ފާނާއި މުއާވިޔަތުގެފާނާ ދެމެދު ޖެހުނު މައްސަލަތަކުގައި ވަރަށް ބޮޑެތި ކަންކަން މެދުވެރިވިއެވެ. ރޫމީންގެ ފަރާތުން އަލީގެފާނާ ދެކޮޅަށް މުއާވިޔަތުގެފާނުގެ އެހީތެރިކަން އޮތްކަމަށް ބުނެ ސިޓީ ލިބިވަޑައިގަތުމުން އެކަމާ ދެކޮޅު ހެއްދެވީއެވެ. ތިމަންނަގެ އަޚާއާއި ތިމަންނައާ ދެމެދު ޖެހިގެން އުޅޭ މައްސަލަތަކުގެ ތެރެއަށް ތިމަންނައާއި ތިމަންނަގެ ދުޝްމަނުން ވައްދަން ބޭނުންނުވާ ވާހަކަ ވިދާޅުވެ އެކަން ދޫކޮށްލެއްވިއެވެ،" ޑރ. ޝަހީމް ލިޔުއްވާފައި ވެއެވެ.
އިސްތިއުމާރީ ބާރުތަކުން އަބަސްދުވެސް މަސައްކަތް ކުރަނީ އެމީހުންގެ ޚާއްސަ އަމާޒުތައް ހާސިލުކުރުމަށް ކަމަށާއި ލައްޒަތުއްނަފްސު ހުރި އިސްލާމުން އެމީހުންނާ ބައިވެރިވެގެން ނުވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ އިގްތިޞާދީގޮތުން މުސްލިމް ގައުމުތައް އަމިއްލަ ފައިމައްޗަށް ތެދުވުމަކީ އިސްތިއުމާރީ ބާރުތަކުން އެދޭ ކަމެއްނޫން ކަމަށެވެ.
"ތުރުކީގައި އިހައްދުވަހު ހިނގައިދިޔަ ހާދިސާ އާއި އޭގެފަހަތުގައިވާ މީހުންނާ މެދު ވިސްނާލުމުން ވަރަށް ގިނަ ގުނަ އިބުރަތް ލިބޭނެއެވެ. ތުރުކީގެ ރައީސް އުރުދުޣާން ގަތުލުކުރުމަކީ އިންގިލާބުގެ އެންމެ ބޮޑު އަމާޒަކަށް ހެދީ ތުރުކީގައި ޑިމޮކްރެސީ އާއި މިނިވަންކަން ނެތިގެންބާ. ނުވަތަ އެމަނިކުފާނަކީ ހުޅަނގުގެ ގޮނޑިކޮށްކޮ ވެރިއަކަށް ނުވާތީބާވައެވެ.،" ޝަހީމް ވިދާޅުވިއެވެ.
ތުރުކީގެ ސިފައިން ގެންނަން އުޅުނު ބަޣާވާތަށް އިޝާރާތް ކުރައްވައި ޝަހީމް ވިދާޅުވީ، އެކަމުން ލިބޭ އަޖައިބުވަނިވި ފިލާވަޅަކީ އެ ހާދިސާ މެދުވެރިވި ވަގުތުން ފެށިގެން އިސްތިއުމާރީ ބާރުތަކުގެ ރޭވުންތަކާ ދެކޮޅަށް އެގައުމުތަކުގެ އިދިކޮޅު ޕާޓީތަކުން ވެސް ގައުމުގެ ސަރުކާރާ ރައްޔިތުންނާ އެކީގަ އެއްސިފައެއްގައި މަސައްކަތް ކުރަން ފެށިކަމަށެވެ.
ތުރުކީގެ ސަރުކާރާއި އިދިކޮޅު ފަރާތްތައް އެއްބައިވެ، އެއްބަޔަކު އަނެއް ބަޔަކަށް މަޝްވަރާކޮށް ގައުމުގެ މުސްތަގުބަލަށްޓަކައި ބޭރުގެ ނުފޫޒުތަކާ ދެކޮޅަށް އެކުވެރިވި ކަމަށާއި އެއީ ވަރަށް އަގުހުރި ފިލާވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ބޭރު ނުފޫޒުތައް ވަދެގެން ގައުމުތަކުގެ ނިޒާމުތައް ބަދަލުވެފައިވާ އެއްވެސް ގައުމަކަށް މިއަދާ ހަމައަށް ވެސް ހަމަޖެހުމާއި އަމާންކަން އައިސްފައި ނުވެއެވެ. އެގައުމުތަކުން އެދަނީ ލޭގެ ކޯރުތައް ދެމެމުންނެވެ. އެ ގައުމުތަކުގެ ރައްޔިތުން އެވަނީ ބިކަހާލުގައި ޖެހިފައެވެ. އިގްތިޞާދު ވަނީ ފުނޑު ފުނޑު ވެފައެވެ. ގައުމުތައް ވަނީ އެހެން މީހުންނަށް އަޅުވެތިވެފައެވެ. ގައުމުގެ ތާރީޚާއި ހަނދާންތައް ވަނީ ގެއްލިފައެވެ. ޚަޒާނާތައް ވަނީ ލޫޓުވާފައެވެ. އެތައް ކުޑަކުދިންނެއް ވަނީ ޔަތީމުވެފައެވެ. މިކަންކަމުން ފިލާވަޅު ހޯދަންޖެހޭނެއެވެ،" ޝަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޣައިރު ގާނޫނީކޮށް ބޭރުގެ ނުފޫޒުތައް ވައްދައިގެން ރާއްޖޭގެ ނިޒާމު ބަދަލުކޮށްލުމަށް ދިވެހި ގައުމު ދެކެ ލޯބިވާ ހަރުދަނާ، އެއްވެސް ބުއްދިއެއް ހުރި މީހަކު ބޭނުންނުވާނެ ކަމަށެވެ. އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް ދިވެހީންގެ ސަފުތައް އެކަތިކަނޑަކަށް ހަދަންޖެހޭނެ ކަމަށާއި އެކަމުގައި ފަހަތަށް ޖެހިގެން ނުވާނެ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.